ލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރުގަސްތައް ބަހަން ފަށައިފި

ސްރީލަންކާ ސަރުކާރުން "5 މިލިއަން ގަސް" ޕްރޮގްރާމަށް ހަދިޔާކުރި ހައިވަކަރު ގަސްތަކުގެ ފުރަތަމަ ބެޗް ބަހަން ފަށައިފި އެވެ.
އެންވަޔަރަންމަންޓު މިނިސްޓްރީން ބުނީ، މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، މި ހައިވަކަރު ގަސްތައް ރާއްޖޭގެ އެކި ރިސޯޓުތަކުގައި އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހައިވަކަރު ގަހަކީ އޭގެ ވަރުގަދަ، ދެމެހެއްޓެނިވި ދަރުގެ ސަބަބުން ދުނިޔޭގައި ވަރަށް އަގުހުރި ގަހެއްގެ ގޮތުގައި ބެލެވޭ ގަހެކެވެ. މި ގަސްތައް ރާއްޖޭގައި އިންދުމުން، ދިގު މުއްދަތެއްގައި ރާއްޖޭގެ ތިމާވެއްޓަށާއި އިގްތިސާދަށް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.
"5 މިލިއަން ގަސް" ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ވަނީ ރޭވިފަ އެވެ.