ޚަބަރު ސަރުކާރު

ކޮންމެ އީދަކީ ވެސް އުފާވެރި ހަނދާންތަކެއް ހިތްތަކުގައި ބިންވަޅު ނެގޭ އިހްތިފާލަކަށް ހަދަން ޖެހޭ: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އީދު އަލި އިފުތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ކޮންމެ އީދަކީ ވެސް އުފާވެރި ހަނދާންތަކެއް އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހްތިފާލަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

Ads by STELCO

އެމަނިކުފާނު އެކަމަށް އިލްތިމާސް ކުރެއްވީ އީދު ދުވަހުގެ މުނާސަބަތުގައި މިރޭ ފޮނުއްވި ހިތޯބުގަ އެވެ.

އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ ޒަމާނުއްސުރެ ދިވެހިން ފާހަގަކުރާ ބޮޑު އީދަކީ މާތްކަމާއި ނިއުމަތުގެ ފޯވައްސެއް ކަމަށެވެ. އެންމެ ހެޔޮ އުންމަތަކީ އިސްލާމީ އުންމަތް ކަމުގައިވާއިރު، މި އުންމަތުގެ ދަރަޖަ މާތް ﷲ ގެ ހަޒުރަތުގައި މަތިވެރިވީ މުސްލިމުންނަކީ ހެޔޮ ކަންކަމުގައި ހިފަހައްޓައި އަނެކުންނަށް ނަސޭހަތްތެރިވެ، ނަމޫނާ ދައްކާ ބަޔަކަށް ވާތީ ކަމަށެވެ. އަދި ކޮންމެ ނޭއްގާނީ ކަމަކާ ދުރުހެލިވެ، އަނެކުން ވެސް އެފަދަ ކަންކަމާ ދުރުކުރަން މުސްލިމުން ގަދައަޅާތީ ކަމުގައި ފާހަގަކުރެއްވި އެވެ.

"އީދުގެ އުފަލާ އެކު، އިސްލާމީ މުޖުމަތައުތަކުން ފެންނަ އެންމެ ރިވެތި ސިފަތަކަކީ، ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކުވެރިކަމާ އެކު ނަމާދުކޮށް، ﷲ ގެ ނިއުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުމެވެ. އެކަކު އަނެކަކާ ހިނިތުންވުމާ އެކު ސަލާންގަލާންކޮށް ހިތްހެޔޮ ކުރުމެވެ." ރައީސް ވިދާޅުވި އެވެ.

ހަމަ އެއާއެކު، އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅާލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ ސިފަ ކުރައްވާފައި ވަނީ ގަދަފަދަ ބިނާއެއްގެ ގޮތުގައިކަން ހިތޯބުގައި ފާހަގަކުރެއްވި އެވެ.

މި ފަދަ ކޮންމެ އީދަކު، ދުރާއި ގާތުގައި ތިބި މުސްލިމް އަހުންނާއި އުހުތުންގެ މަތިން ދިވެހިން ހަނދާން ކުރާ ކަމަށާއި ހާއްސަކޮށް ދިވެހިންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯތްބާއި ކުލުނުގެ ހަނދާން އާކުރެއްވި އެވެ. އަދި އެމަނިކުފާނު ވަނީ ފަލަސްތީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ އީދަކީ ވެސް އުފާވެރި ހަނދާންތަކެއް އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހްތިފާލަކަށް ހެދުމަކީ އެމަނިކުފާނުގެ އެންމެ އިހުލާސްތެރި އިލްތިމާސް ކަމުގަ އެވެ.

"ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި ގާތްތިމާގެކަމާއި ރަހްމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި ދަރީންނަށް ރިވެތި ނަމޫނާ އާއި ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، އީދުގެ ހަގީގީ ޒީނަތްތެރިކަމެވެ. އަޅުގަނޑުމެން އިސްކަން ދޭން ވާނީ، މިފަދަ ބަރަކާތްތެރި ކޮންމެ މޫސުމެއްގައި ވެސް އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާ ކުރުމަށެވެ." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތޯބު ނިންމަވާލައްވާފައި ވަނީ ދިވެހި ރައްޔިތުންނަށް މި އަހަރުގެ ބޮޑު އީދަކީ އަމާންކަމާއި ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.

އީދުގެ ތަހުނިޔާ ދަންނަވައި ފޮނުއްވި ހިތޯބެކޭ އެއްގޮތަށް އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވެސް ވަނީ ބަރަކާތްތެރި ކޮންމެ މޫސުމެއްގައި ވެސް އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ބާރުއަޅުއްވާފަ އެވެ.

Ads by Ooredoo