ދަރިންނަކީ ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދަން މަސައްކަތް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް: އީދު ހުތުބާ

ދަރިންނަކީ ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދަން މަސައްކަތް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ހެދުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ.
އަޟްހާ އީދު ހުތުބާގައި ބުނީ މިއީ މާތް ﷲ އެ ދުވަހަކަށް "يَوْمُ الْحَجِّ اْلأَكْبَرِ" ގެ ނަމުން ނަން ދެއްވާފައިވާ ދުވަސް ކަމަށެވެ. އެއީ ހައްޖުގެ މަނާސިކުތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް މި ދުވަހު އަދާކުރާތީ ކަމަށެވެ. އެގޮތުން މިއަދު ހައްޖުވެރިން މިނާއަށް ގޮސް ޖަމްރަތުލްއަގަބާއަށް ހިލަ އުކާނެ ކަމަށެވެ. އެއަށް ފަހު ބޯ ބާލައި ނުވަތަ ބޯ ކޮށާނެ ކަމަށާ އަދި ހަދުޔު ކަތިލައި، ތަވާފުލްއިފާޟާ ކުރާނެ ކަމަށެވެ.
މިއީ ހައްޖުގެ އެންމެ ބޮޑު ދުވަހަށްވާއިރު، ދުނިޔޭގެ ކަންކޮޅުތަކުން އެތައް މުސްލިމުންނެއް އެއް ބިމެއްގައި ﷲ ގެ އަމުރުފުޅަށް ބޯލަނބައި އެއްވެ ތިބޭ މި މަތިވެރި އެއްވުމަކީ މުސްލިމުންގެ އެއްބައިވަންތަކަމާއި ﷲ ގެ ހަޟުރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ އާލަމީ ބައްދަލުވުމެއް ކަމަށް ހުތުބާގައި ބުންޏެވެ. ހައްޖުވެރިންގެ މި ބައްދަލުވުން ހިނގަމުންދާއިރު، މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައިވާ މުސްލިމުން ﷲ އަށް ތަކުބީރު ކިޔައި، އީދު ނަމާދުކޮށް، އުޟުހިޔާ ކަތިލާނެކަން ފާހަގަކުރި އެވެ.
އީދު ހުތުބާގައި ބުނި ގޮތުގައި އިސްލާމްދީން އައީ އަޅުކަމުގެ ތެރެއިން މި އުންމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދިނުމަށް ކަމުގަ އެވެ. ކޮންމެ ދުވަހަކު ފަސް ވަގުތެއްގައި މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރު ކަމުގަ އެވެ. ކޮންމެ ހުކުރު ދުވަހަކު ގާއިމުކުރެވޭ ހުކުރު ނަމާދުން މިއަށް ވުރެ ބޮޑު ޖަމާއަތެއް ފެންނަ ކަމަށާއި އީދު ނަމާދުން ރަށުގެ ގިނަ ބަޔެއްގެ ބޮޑު ބައްދަލުވުމެއް ފެންނަ ކަމުގަ އެވެ.
"ދެން ފެންނަނީ ހައްޖެވެ. އެއީ ދުނިޔޭގެ މުސްލިމުން ތަމްސީލުކޮށްދޭ އެއްވުމެކެވެ. އެހެންކަމުން ހައްޖަކީ މުސްލިމުންގެ އެއްބައިވަންތަކަން ދައްކުވައިދޭ އަޅުކަމެކެވެ."
ހައްޖުގެ އަޅުކަމުން ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހީމްގެފާނުގެ ވާހަކަތައް ކަމުގައި ފާހަގަކޮށް ހުތުބާގައި ބުނީ އެއީ އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނު ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާ ކަމަށެވެ. މާތް ﷲ ގެ އަމުރުފުޅަށް މި ގެފުޅު ބިނާކުރައްވައި، ތައުހީދަށް ގޮވައިލެއްވީ އިބްރާހީމްގެފާނު ކަމަށާއި އިސްލާމްދީނުގެ ރޫހު ކަމުގައިވާ ތައުހީދުގެ ރަމްޒަކީ އެކަލޭގެފާނު ކަމަށެވެ.
އިބްރާހީމްގެފާނު ﷲ އަށް ޓަކައި އެކަލޭގެފާނުގެ ވަތަން ދޫކުރައްވައި ހިޖުރަކުރެއްވި އެވެ. މާތް ﷲ ގެ ދައުވަތަށް އެއްވެސް ކަމަކަށް ޖެހިލުންވެވަޑައިނުގެން، ތައުހީދު ފެތުރުއްވުމުގައި ކުރިއަށް ވަޑައިގެންނެވި ކަމަށެވެ. އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން ގުރުބާންކުރެއްވުމަށް ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވި ކަމަށެވެ.
"އިސްމާއީލުގެފާނު މި ތާނގައި މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަތީ އެވެ. ދެ ބަފައިކަލުން ވެސް ކެތްތެރިވެ ވަޑައިގަތީ އެވެ."
އަޟްހާ އީދު ހުތުބާގައި ބުނި ގޮތުގައި މި އިމްތިހާނުގެ މަގުސަދަކީ އިސްމާއީލްގެފާނު ގުރުބާން ކުރެއްވުން ނޫން ކަމަށާއި މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަންނަވާ މިންވަރު ބެއްލެވުން ކަމުގަ އެވެ. ކޮންމެ ކަމަކަށް އެކަލާނގެ އަމުރުކުރެއްވި ނަމަވެސް އެކަމަކަށް ފަސްޖެހިވަޑައިގަތުމެއް ނެތި، އެ އަމުރުފުޅު ތަންފީޒު ކުރައްވާނެކަން ދެއްކެވުން ކަމުގަ އެވެ.
އިސްމާއީލްގެފާނު ސަލާމަތްވެވަޑައިގަތީ، ﷲ ބާވައިލެއްވި ފިދުޔައަކުން ކަމަށާއި މި އީދުގައި އުޟްހިޔާ ކަތިލުން ޝަރްއުކުރެވިފައި ވަނީ މިހެންވެގެން ކަމުގަ އެވެ. އުޟްހިޔާއަށް ކަތިލެވޭނީ ނައަމްސޫފީގެ ތެރެއިން އެއްޗަކަށްވާއިރު، އެއީ ގެރި، ބަކަރި، ޖަމަލު ފަދަ ތަކެތި ކަމުގަ އެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި އެންމެ އިތުރުވެގެން ވަނީ އުޟްހިޔާގެ ތިންބައިކުޅަ އެއްބައި ކެއުން ކަމަށާއި އަނެއް ތިންބައިކުޅަ އެއްބައި ފަގީރުންނަށް ސަދަގާތް ކުރުން ކަމުގަ އެވެ. އަދި އަނެއް ތިންބައިކުޅަ އެއްބައި ގާތްތިމާގެ މީހުންނަށާއި ރަހްމަތްތެރިންނަށް ހަދިޔާކުރުން ކަމުގަ އެވެ.
ހުތުބާގައި ބުނީ އިސްމާއީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށެވެ. މައިންބަފައިންނަށް ކިޔަމަންގަންނަން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެެއް ކަމަށެވެ. އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ތަރުބިޔަތުގެ ރަނގަޅުކަމާއި ހެޔޮކަން ކަމަށެވެ.
"މިއަދު އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނާހާ ވާހަކަ އަޑު އިވެ އެވެ. އަހަރެމެންގެ ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދާން މަސައްކަތް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ހަދާށެވެ."
މިއަދު އީދު ފާހަގަކުރާއިރު، އިބްރާހީމްގެފާނާއި އިސްމާއީލްގެފާނު ވެވަޑައިގަތް މަތިވެރި ގުރުބާނީން އިބުރަތް ހާސިލުކުރަން ޖެހޭކަން ފާހަގަކޮށް އީދު ހުތުބާގައި ބުނި ގޮތުގައި އެއީ މާތް ﷲ އަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެއް ކަމުގަ އެވެ.
"އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ އެންގެވުންތަކާ ދުރުހެލިވުމެވެ. ވެރިންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުމެވެ."
ކީރިތި ރަސޫލާގެ ސަހާބީންގެ ކުރިފުޅުމަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައި، ކިޔަމަންގަތީ އަދި އިސްލާމްދީނަށް ފައުޖުފައުޖަށް މީސްތަކުން ވަނީ އެ ބޭކަލުންގެ މުއްސަނދިކަމަކުން ނޫން ކަމަށާ އަދި އެ ބޭކަލުންގެ ހަށިކޮޅުތައް ވަރުގަދަކަމަކުން ވެސް ނޫން ކަމުގަ އެވެ. އެކަމަކު އެ ބޭކަލުންގެ އިހްލާސްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުން ކަމުގަ އެވެ.
މާތް ﷲ ހައްޖާއި އީދު ޝަރުއުކުރެއްވީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށާއި އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެ ދިރިއުޅުމަށާ އަދި އުންމަތް އާރާސްތުކުރުމަށް ކަމުގަ އެވެ. އެހެންކަމުން އެކަލާނގެއަށް ބިރުވެތިވެ، ތަގުވާވެރިވާން ޖެހޭ ކަމުގަ އެވެ. މި އީދުން އާ ސަފުހާއެއް ހުޅުވާލައި، މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީން ކަމުގައި ހަދަން ޖެހޭ ކަމުގަ އެވެ. އޭރުން މުސްލިމުން އިއްޒަތްތެރި ބަޔަކަށް ވާނެކަން ފާހަގަކުރި އެވެ.
މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އިއްޒަތް ވަނީ، ﷲ އަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ."
މި އިއްޒަތާއި ގަދަރު ހާސިކުރެވޭނީ ދީނުގެ އަސާސުތަކުގައި ހިފައިގެން ބައިބައިނުވެ، އުންމަތުގެ މަސްލަހަތުތައް ހާސިލުކުރުމަށް ޓަކައި އެއްގަލަކަށް އަރައިގެން ކަމަށާއި މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށްވެފައި ވަނީ އެބައިމީހުންގެ އެއްބައިވަންތަކަން ކަމަށް ވެސް މިއަދުގެ އީދު ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
