ޚަބަރު ސަރުކާރު

ދިވެހި ހާޖީން ބޮޑު ޖަމްރާއަށް ހިލަ އުކައިފި، ހައްޖު ތެރޭ އެއްވެސް މީހަކު ގެއްލިފައެއް ނުވޭ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދިވެހި ހައްޖުވެރިންތަކެއް ބޮޑު ޖަމްރާއަށް ހިލަ އުކަނީ: ހުރިހާ ހާޖީން އެއްކޮށް ގޮސް ހިލަ އުކައި ވަނީ ނިންމާފައި / ފޮޓޯ:ހައްޖު ކޯޕަރޭޝަން

ދިވެހި ހުރިހާ ހައްޖުވެރިން ވެސް މިއަދު ޖަމްރަތުލް އަގަބާ ނުވަތަ ބޮޑު ޖަމްރާއަށް ހިލަ އުކާފައިވާ ކަމަށާއި ހައްޖު ތެރޭގައި އެއްވެސް މީހަކު ގެއްލިފައި ނުވާ ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފި އެވެ.

Ads by STELCO

ހާޖީން ވަނީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތުގައި އިއްޔެ މަޑުކޮށްފަ އެވެ. އެއަށް ފަހު މުޒްދަލިފާގައި ރޭ ކުރުމަށްފަހު ހައްޖުވެރިން އެނބުރި މިނާ ފޭލިގެތަކަށް މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ ގޮސްފަ އެވެ.

"ރާއްޖޭގެ އެންމެހައި ހައްޖުވެރިންގެ ހާލު ރަނގަޅު. ހައްޖުވެރިން މިހާރު ތިބީ މިނާގަ. އެއްވެސް ހައްޖުވެރިޔަކު ގެއްލި ނުވަތަ މަގު އޮޅި މި ފަދަ ކަމެއް މެދުވެރި ވެފައި ނުވޭ އަލްހަމްދު ލި ﷲ،" ދިވެހި ހައްޖުވެރިންނާ ގުޅޭ އެންމެފަހުގެ އަދާހަމަ ހިއްސާ ކުރުމަށް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.

މައްކާ ގަޑިން ހެނދުނު 9:30 ގައި ހާޖީން ވަނީ ޖަމްރާއަށް ހިލަ އުކަން ގޮސްފަ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވީ އެ ކޯޕަރޭޝަނުގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖުވެރިން ވެސް ބޮޑު ޖަމްރާއަށް ހިލަ އުކައި ނިންމާފައިވާ ކަމަށެވެ.

"އެއްހާސް ބޭފުޅުން އެއްކޮށް ހައްޖު ކޯޕަރޭޝަނުގެ މުވައްޒަފުންނާ އެކުގައި، އަޅުގަނޑުމެން އެންމެން އައިސް އެއްހާސް ހައްޖުވެރިންގެ މިއަދުގެ ހިލަ އުުކުމުގެ ހުރިހާ އިންތިޒާމުތަކެއް، ހުރިހާ ކަންތައްތަކެއް މިހާރު މި ވަނީ ނިމިގެން ގޮސްފައި،" ޝަރީފް ވިދާޅުވި އެވެ.

މާދަމާ ތިން ޖަމްރާއަށް ހިލަ އުކުން އޮންނާނެ ކަމަށާއި އެކަމުގެ އިންތިޒާމުތައް ވެސް މިއަދެކޭ އެއްފަދައިން ކުރިއަށް ގެންދާނެކަން ފާހަގަކުރެއްވި އެވެ.

ހައްޖު މިޝަނުން ބުނި ގޮތުގައި ހުރިހާ ހައްޖުވެރިން ވެސް މިނާގައި ތިބިއިރު، އެންމެންގެ ހާލު ރަނގަޅު ކަމުގަ އެވެ. ހައްޖު ތެރޭގައި އެއްވެސް ހައްޖުވެރިއަކު ގެއްލި ނުވަތަ މަގު އޮޅުން ފަދަ ކަމެއް މެދުވެރިވެފައި ނުވާ ކަމުގަ އެވެ.

"މި ފަހަރަކީ ހައްޖު ކޯޕަރޭޝަނުގެ ތާރީހުގައި އަރަފާތު، މުޒްދަލިފާ ނިންމާފައި ޓެންޓުތަކަށް، މިނާއަށް ދިވެހި ހާޖީން އަންނަ އައުމުގައި އެއްވެސް ހާޖީއަކު ނުގެއްލި އަންނަ ފުރަތަމަ ފަހަރު،" ހައްޖު މިޝަނުގެ އޮފިޝަލް ވިދާޅުވި އެވެ.

ބޮޑު ޖަމްރާއަށް ހިލަ އުކުމަށް ފަހުގައި މިއަދު ހައްޖުވެރިން އިހްރާމް ކަނޑާނެ އެވެ. ފިރިހެނުން ބޯ ބާލައި ނުވަތަ ބޯ ކޮށާނެ އެވެ. މައްކާގެ ހޮޓަލަށް ދާނީ އައްޔާމުއްތަޝްރީގުގެ ދުވަސްތަކުގައި މިނާގައި ރޭ ކޮށް، ތިން ޖަމްރާއަށް ހިލަ އުކުމަށް ފަހުގަ އެވެ.

Ads by Ooredoo