ބޮޓްލިން ޕްލާންޓްގެ މަސައްކަތް ހުއްޓާލުމުން ހޯރަފުށި ކައުންސިލް ފެނަކަ ގޮވައިގެން ކޯޓަށް ދަނީ

ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމަށް ހއ. ހޯރަފުށީގައި ގާއިމުކުރި ބޮޓްލިން ޕްލާންޓުގެ މުވައްޒަފުން ވަކިކުރި މައްސަލައިގައި ކޯޓަށް ދާނެ ކަމަށް ހޯރަފުށީ ކައުންސިލްއިން ބުނެފި އެވެ.
އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވޮލޮޕްމަންޓްގެ ޕްރޮޖެކްޓެއްގެ ދަށުން އެ ޕްލާންޓް އެޅީ ފެނަަކައާއި ހޯރަފުށީ ކައުންސިލް ގުޅިގެން ގާއިމުކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުން ނެވެ. އަދި އެ ޕްލާންޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރީ އެ ޕްލާންޓުގެ ހިދުމަތް އަންނަ މަހު ފަށާނެކަމުގެ ޔަގީންކަން ވެސް ފެނަކައިން ދީފައި ވަނިކޮށެވެ.
އެހެންވެ އެ މައްސަލައިގައި ހޯރަފުށީ ކައުންސިލްއިން މިއަދު ނެރުނު ބަޔާނުގައި ވަނީ މުވައްޒަފުން ވަކިކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ްއެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނި އެ ޕްލާންޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
ކައުންސިލްއިން ބުނީ ޕްރޮޖެކްޓުތައް ނުހުއްޓުވައި މުވައްޒަފުނަ ވަކިނުކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތޯ ވައުދުވެސްވެވަޑައިގެންފައި ކަމަށެވެ.
އެހެންވެ އެއްވެސް މަޝްވަރާ ކުރުމެއްވެސް ނެތި އެ މަޝްރޫއު ހުއްޓާލުމަަށް ނިންމައި މުވައްޒަފުން ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންނަން ކައުންސިލްއިން ގޮވާލި އެވެ.
އަދި އެ ނިންނުން ނިންމާފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށްވާތީ އިންސާފު ހޯދަން ޝަރީއަތަށް ހުށަހަޅާނެކަމަށް ވެސް ކައުންސިލްއިން ބުންޏެވެ.
އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްޑީޕީން ބުނީ މުވައްޒަފުން ވަކިކުރީ އަންނަ މަހު އެ ޕްލާންޓުގެ ހިދުމަތް ވެސް ފަށާނެކަމުގެ ޔަގީންކަން ވެސް ފެނަކައިން ދީފައި ވަނިކޮށް ކަމަށެވެ.
އަދި މުވައްޒަފުން ވަކިކުރުމަކީ ހޯރަފުށީގެ ރައްޔިތުންނަށް ދޭ ނިކަމެތިކަމެއް ކަމަށާއި އަދި މިއީ އިގުތިސާދީ ނަފާ ހޯދަން ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅާކަމުގެ ހެއްކެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެހެންކަމުން ޕްލާންޓުގެ މަސައްކަތް ހުއްޓާ ނުލައި ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކުރި އެންމެންގެ ވަޒީފާ އިއާދަކުރަން އެމްޑީޕީން ގޮވާލި އެވެ.
