ޚަބަރު

ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައެއް ނުލަން، މުވައްޒަފުން ވަކިކުރީ މަސައްކަތެއް ނެތިފައި ތިބުމުން: ފެނަކަ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހޯރަފުށި މަތިން ފެންނަ ފޮޓޯއެއް / ފޮޓޯ:ހަސަން ސާޖިން

ހއ. ހޯރަފުށީގައި ތަރައްގީ ކުރާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި ވަޒީފާއިން ވަކިކޮށްފައި ވަނީ މަސައްކަތެއް ނެތް މުވައްޒަފުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

Ads by STELCO

އެ ރަށުގައި ބޮޓްލިން ޕްލާންޓެއް ތަރައްގީ ކުރަނީ ރަށު ކައުންސިލާއި ފެނަކަ އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވުމާއި ޕްލާންޓަށް ނަގާފައިވާ މުވައްޒަފުން ވަކި ކުރުމާ ގުޅިގެން ފެނަކަ އާ ދެކޮޅަށް ކޯޓަށް ދިއުމަށް ހޯރަފުށީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން ފެނަކައިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންޑިޔާގެ ހިލޭ އެހީ އާއެކު، އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދު 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ތަރައްގީ ކުރަން ފެށި ބޮޓްލިން ޕްލާންޓުގެ މަޝްރޫއު ހުއްޓައިލި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

މަޝްރޫއު ހިނގާފައިވާ ގޮތަށް އަލިއަޅުވާލައި އެ ކުންފުނިން ބުނި ގޮތުގައި 2019 ވަނަ އަހަރު މަޝްރޫއުގެ މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގެ ވަށައިގެން އިންފާރެއް ރޭނުން ފިޔަވައި އިތުރު މަސައްކަތެއް ނުހިނގައި ދެ އަހަރު ދުވަސް ހޭދަވި ކަމުގަ އެވެ.

އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެސް ނިމުނީ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވި ކަމަށާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިންމައިލެވުނީ މަސައްކަތުގެ 70 އިންސައްތަ ކަމުގަ އެވެ.

ބޮޓްލިން ޕްލާންޓުގެ މަޝްރޫއު ހިންގުމަށް 36.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިންޑިއާއިން ދިން 9 މިލިއަން ރުފިޔާގެ އެހީ އާއެކު މަޝްރޫއަށް ހޯރަފުށި ކައުންސިލުން ހިއްސާކޮށްފައި ވަނީ 2.4 މިލިއަން ރުފިޔާ ކަމަށް ފެނަކައިން ބުންޏެވެ. ބާކީ 34.3 މިލިއަން ރުފިޔާ ހަރަދުކުރީ އެ ކުންފުނިން ކަމުގައި ފާހަގަކުރި އެވެ.

ފެނަކައިން ބުނީ ބޮޓްލިން ޕްލާންޓް އިމާރާތުގައި މުވައްޒަފުން ތިބޭނެ ގޮނޑި އާއި މޭޒު ހުރި ނަމަވެސް މުވައްޒަފުން މަސައްކަތްކުރަން ބޭނުންވާ މެޝިނަރީގެ ބޮޑު ބައި ހުރީ ރާވައި ނުނިމި ކަމަށެވެ. އަދި އިމާރާތުގެ އެތެރޭގައި ނިންމަން ޖެހޭ އިމާރާތް ކުރުމުގެ ބައެއް މަސައްކަތްތައް ވެސް ހުރީ ނުނިމި ކަމަށެވެ.

"ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މަސައްކަތެއް ނެތް ގޮތުގައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުންދިއުމަކީ މިވަގުތު މި ކުންފުންޏަށް ކުރެވެން އޮތް ކަމަކަށްނުވާތީ، އެ މުވައްޒަފުން ވަކިކުރުމަށާއި، ނަމަވެސް، މި މަޝްރޫއު ހުއްޓައިނުލުމަށް ކުންފުނީގެ ބޯޑުން ވަނީ ނިންމާފައި." ބަޔާނުގައިވެ އެވެ.

އެ ނިންމުމާ އެއްގޮތަށް މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެމުން ފެނަކައިން ބުނި ގޮތުގައި އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ހޯރަފުށްޓަށް ގޮސް، މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ކުރަން ޖެހޭ ކަންކަން ބެލުމަށް ފަހު އަންނަ މަހު މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމުގަ އެވެ.
ބޮޓްލިން ޕްލާންޓުގައި ކުރަން ހުރި މަސައްކަތްތައް ނިމުނުހާ އަވަހަކަށް އެ ފެސިލިޓީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ކުންފުނީގައި އަމަލު ކުރަމުންދާ އުސޫލުތަކުގެ ތެރެއިން އިއުލާނު ކުރާނެކަން ފާހަގަކުރި އެވެ.