ޚަބަރު

އިންފްލުއެންޒާ އިތުރު، ހޮސްޕިޓަލަށް ދާއިރު ކުޑަކުދިން ނުގެންދަން އިލްތިމާސްކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ:ދެން އިމޭޖްސް

އާންމު ރޯގާ އަދި އިންފްލުއެންޒާގެ ކޭސްތައް މި ދުވަސްވަރު އިތުރުވަމުން އަންނާތީ ބަލި މީހުންނަށް ޒިޔާރަތް ކުރަން ހޮސްޕިޓަލަށްދާއިރު ކުޑަކުދިން ގޮވައިގެން ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

Ads by STELCO

އެޗްޕީއޭއިން އެގޮތަށް އިލްތިމާސް ކޮށްފައި ވަނީ މިހާރު ފެތުރެމުންދާ ރޯގާތަކާއި ހައްޖުން އެނބުރި އައުމަށް ފަހު ސަމާލުވާންވީ ކަންކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި މައުލޫމާތު ދެމުންނެވެ.

އެ ޕްރޮގްރާމުގައި ޑރ. އިބްރާހީމް އިޔާޒު ވަނީ މި ދުވަސްވަރު އާންމު ރޯގާތަކުގެ އިތުރުން އިންފްލުއެންޒާގެ ކޭސްތައް އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ހުން އިތުރުވާ ދުވަސްވަރު ހޮސްޕިޓަލަށް ބާރު ބޮޑުވާކަން ފާހަގަކުރައްވާ އިޔާޒް ވަނީ 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދު ޕެނެޑޯލް ކައިގެން ގޭގައި މެނޭޖްކުރެވޭ ނަމަ އެކަން ކުރުމަށް އިރުޝާދު ދެއްވާފަ އެވެ. އެހެން ނަމަވެސް އަބަދުވެސް ދިފާއީ ނިޒާމް ބަލިކަށި ފަރާތްތަައް ކަމަށްވާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ގޭގައި ފަރުވާދީގެން ހުން ކޮންޓްރޯލް ނުކުރެވޭ ކަމަށްވާ ނަމަ އަވަހަށް ހޮސްޕިޓަލަށް ދިއުމަށް އެދިވަޑައިގެންނެވި އެވެ.

މި ދުވަސްވަރު މިފަދަ ކޭސްތައް އިތުރުވަމުންދާތީ ބަލި މީހުންނަށް ޒިޔާރަތް ކުރާއިރު ކުޑަކުދިން ހޮސްޕިޓަލަށް ނުގެންދިއުމަށް ޑޮކްޓަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ހާއްސަކޮށް ހޮސްޕިޓަލަށް ދާއިރު ހަ މަސް ނުފުރޭ ތުއްތު ކުދިންނާއި ފަސް އަހަރުން ދަށުގެ ކުދިން ނުގެންދިއުމަށް ޑޮކްޓަރު އެދިވަޑައިގެންނެވި އެވެ. އޭގެ އިތުރުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނައިން ބޭރުތެރެއަށް ނުދިއުމަށް ވެސް ވަނީ އިރުޝާދު ދެއްވާފަ އެވެ.

ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވަނީ މި ދުވަސްވަރު ރޯގާ އާއި އިންފްލުއެންޒާ އަދި ކޮވިޑް ކޭސްތައް ގިނަކަން ފާހަގަކުރައްވާފަ އެވެ. މިފަހަކަށް އައިސް ޑެންގީގެ ކޭސްތައް މަދު ނަމަވެސް ކުރިއަށް އޮތް ދުވަސްވަރަކީ އާންމުކޮށް ރާއްޖޭގައި ޑެންގީ ކޭސްތައް އިތުރުވާ ދުވަސްވަރެއް ކަމުގައި ފާހަގަކުރެއްވި އެވެ. އެގޮތުން އޮގަސްޓް މަހާ ހަމައަށް ޑެންގީ ކޭސްތައް އިތުރުވާނެތީ އެކަމަށް ސަމާލުވުމަށް ހަމްޒަތު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެޕްރީލު 20 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާގެ ކޭސްތައް ރިޕޯޓު ކުރާ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ.

މި އަހަރުގެ އެ މުއްދަތުގައި ރޯގާގެ 46،032 ކޭސް އަދި އިންފްލުއެންޒާގެ 364 ކޭސް ވަނީ ރިޕޯޓު ކޮށްފަ އެވެ. މިދިޔަ އަހަރު ރިޕޯޓުކޮށްފައި ވަނީ 33،948 ރޯގާ ކޭހާއި 45 އިންފްލުއެންޒާ ކޭހެވެ.

އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ އިންފްލުއެންޒާ އަދި ކޮވިޑް 19 ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ރޯގާ ޖެހިގެން ރިޕޯޓު ކުރާ އަދަދު އިތުރުވެފައިވާ ކަމަށާއި ކޮވިޑާއި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ މާލެ ސަރަހައްދުންކަން ވެސް ފާހަގަކޮށްފައިވެ އެވެ.