"މަސްތުވާ ތަކެއްޗާއި އަހަންނާއި ނުގުޅުވާ"؛ ކަރަން ޖޯހަރްގެ ކެތްތެރިކަން ކޮޅުންލައިފި!
ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވި ދުވަހުން ފެށިގެން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އެކަކީ މަޝްހޫރު ޕްރޮޑިއުސަރ ކަރަން ޖޯހަރް އެވެ.
އޭނާއާއި ދިމާލަށް އެތައް ބަޔަކު އެއްޗެހި ކިޔާ، ސުޝާންތުގެ މަރުގެ ޒިންމާ ވެސް އޭނަގެ ބޮލުގައި އެޅުވިއެވެ. އެހުރިހާ ތުހުމަތު ތަކަކަށް ވެސް އޭނާ ހުރީ ހަނުއެވެ.
ނަމަވެސް އެމައްސަލައިގެ ތަހުގީގުން މިހާރު ފެންމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައިގައި، ބޮލީވުޑްގެ ގިނަ ތަރިންތަކަކަށް މަސްތުވާތަކެތި ދިން ކަމަށް ބުނެ ތުހުމަތު ކުރި ހިސާބުން ކަރަންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ.
ވަރަށް ގިނަ ދުވަހަށްފަހު އަމިއްލަ ނަފްސު ދިފާޢުކޮށް ކަރަން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާއާ މަސްތުވާތަކެއްޗާއި ނުގުޅުވުމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫން ކަމަށާއި އެހެން ބަޔަކު ލައްވާ މަސްތުވާތަކެތި ބޭނުން ކުރުވާ އެކަމަށް މަގުފަހި ކުރުވާ މީހެއް ވެސް ނޫން ކަމުގައި ކަރަން ބުނެފައިވެއެވެ.
ކަރަން މިބަޔާން ނެރެފައިވަނީ ، 2019 ވަނަ އަހަރު އޭނާގެ ގޭގައި ބޭއްވި ޕާޓީއެއްގައި، ގިނަ އަދަދެއްގެ ތަރިންނަށް އޭނާ މަސްތުވާތަކެތި ފޯރުކޮށްދިން ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެންނެވެ.
މިދިޔަ ހުކުރު ދުވަހު ކަރަން ނެރުނު ބަޔާނުގައި އޭނާ ބުނެފައި ވަނީ އެޕާޓީން އެއްވެސް މީހަކަށް އޭނާގެ ފަރާތުން ނުވަތަ އޭނާއަށް އެނގިގެން އެހެން މީހެއްގެ ފަރާތުން ވެސް މަސްތުވާތަކެތި ލިބިފައި ނުވާނެ ކަމަށެވެ. އަދި މަސްތުވުމަކީ އޭނާ ތާއީދުކުރާ ކަމެެއް ނޫން ކަމުގައި ވެސް ކަރަން ބުންޏެވެ.