ނަޝީދު ފައްޔާޒުއާ ބައްދަލުކުރައްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ނަޝީދާ އެކު ބޭއްވި ބައްދަލުވުމުގައި ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްފައިވާ ކަމަށެވެ.
"ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ފައްޔާޒު ވިދާޅުވި އެވެ.
ނަޝީދު ފައްޔާޒުއާ ބައްދަލުކުރައްވާފައިވާއިރު، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަން ނަޝީދު ވަނީ ދާދިފަހުން ހާމަކުރައްވާފަ އެވެ.
"އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރުލެއް ނާރާނެ." އެމްޑީޕީގެ ބައެއް އިސްވެރިންނަށް ފޮނުއްވި މެސެޖުގައި ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާނު ކުރައްވާފައިވަނީ ފައްޔާޒު އެކަންޏެވެ. އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯދުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އެ ޕާޓީގެ ރައީސް އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުﷲ ޝާހިދު އަދި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދުވެސް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.
