ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު ދެކޭ ގޮތް ބަލަން ގަރާރެއް

ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެމްބަރުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މަޖިލީހަށް އިއްޔެ ހުށަހެޅުއްވި ގަރާރުގައި ކައުންސިލަރުން މާ ގިނަ ފާހަގަކުރައްވައި އެކަމުގައި ހުރި މައްސަލަތަކާއި ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ކުރެވިދާނެ ކަންކަން ވަނީ ފާހަގަކުރައްވާފަ އެވެ.
ޝުޖާއު ވިދާޅުވީ ބޮޑެތި ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުންނެކޭ އެއްގޮތަށް ކުރާނެ މާބޮޑު މަސައްކަތެއް ނެތް ރަށްރަށުގެ ކައުންސިލަރުންގެ މުސާރަ ވެސް އެއްވަރު ކަމަށެވެ.
ހަމައެހެންމެ ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ބޮޑު އަދަދެއް ހޭދަކުރާއިރު، އެއީ ހަމަ ކުރަން ޖެހޭ ހަރަދެއްތޯ ވެސް ގަރާރުގައި އަހާފައިވެ އެވެ.
އެހެންވެ ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ ފުލްޓައިމް ކައުންސިލަރުންގެ އަދަދު އެކެއް ނޫނީ ދޭކަށް މަދުކޮށް ދެން ތިބޭ ކައުންސިލަރުންނަށް ސިޓިން އެލަވަންސްއެއް ލިބޭ ގޮތަށް ހެދުމަށެވެ.
އޭރުން ހަރަދުތައް އެތައް ގުނައަކުން ކުޑަކުރެވިދާނެ ކަމަށް ގަރާރުގައި ބުންޏެވެ.
"ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ފެށި ދަތުރަށް 15 އަހަރު ފުރިގެން ދިޔައިރު ވެސް ހައްލު ހޯދުމަށް ގާނޫނަށް އިސްލާހު ގެނައުން ފިޔަވައި، ސިޔާސީ ގޮތުން ކޮންމެ ސަރުކާރަކަށް ނިސްބަތްވާ އެކްޓިވިސްޓުންނަށް ޖާގަ ދިނުމަށް އޮންނަ ތަޅުމެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމު އޮތުމަކީ ހިތާމަވެރި ކަމެކެވެ."
އެހެންކަމުން އެފަދަ ހައްސާސީ މައްސަލައެއްގައި ހައްލު ހޯދަން މަޖިލީހުން ދެކޭ ގޮތް ބަލަން ބޭނުންވާ ކަމަށް ގަރާރުގައި ބުންޏެވެ.