ޚަބަރު

ޔުމްނު ވެއްޓުނު ހާދިސާގެ ރިޕޯޓް ރައީސަށް އަރުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިންމައި ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފި އެވެ.

Ads by STELCO

ހ. މިޓާޒު ގޭގެ ފުރާޅުމަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް މުއިއްޒު އުފައްދަވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ ކޮމިޝަން އުފެއްދެވީ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ މެދު ސުވާލު އުފެދި އިތުބާރު ގެއްލުމާ ގުޅިގެންނެވެ. ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް ކޮމިޝަން އުފެއްދެވި ނަމަވެސް ފަހުން ވަނީ އެ އަދަދު ފަހަކަށް އިތުރުކުރައްވާފަ އެވެ.

ރިޔާސީ ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރައްވާފައި ވަނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ. މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި އާމިނަތު އީނާސްގެ އިތުރުން ޖަބީން މުހައްމަދެވެ.

''މި ކޮމިޝަނާ ހަވާލުކުރެވުނު މަސައްކަތް ނިންމައި ކޮމިޝަނުގެ ރިޕޯޓް ރައީސަށް ހުށަހަޅައިފިމެވެ" އެ ކޮމިޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ޔުމްނު ވެއްޓުނު ވަގުތު އޭނާއާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލުގެ މައްޗަށް މި މަހުގެ 10 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ވަނީ ދައުވާކޮށްފަ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މައްސަލަ އާ ގުޅިގެން ރައުދުއަށް ދައުވާ ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކަމުގަ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ރައުދުގެ މައްޗަށް ދައުވާ ކުރާ ސަބަބެއް ކަމަށް އެ އޮފީހުން ބުނީ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެންލައިޓުން 18 އެޕްރީލުގެ ފަތިހު 4:54 ހާއިރު، މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީ ކަމަށެވެ. އަދި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށެވެ.

ރައުދު ހައްޔަރު ކުުރުމަށް ފަހު، އޭނާގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކުރި އެވެ. އެންމެފަހުން އިތުރުކުރި 20 ދުވަހުގެ ބަންދުގެ މުއްދަތު ހަމަނުވަނީސް މެއި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ދޫކޮށްލި އެވެ. އާ ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައި ވަނީ އެ ދުވަހުގެ ހަވީރެވެ.

އަލުން ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކުރި އެވެ. ރައުދުގެ މައްޗަށް ދައުވާ އުފުލުމަށް ޓަކައި ޕީޖީ އޮފީހަށް ހުށަހެޅުމުން މައްސަލަ ދިރާސާ ކުރުމަށް ފަހު، ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އިރުޝާދު ދީފައިވާތީ އެ މުއްދަތު ހަމަނުވަނީސް އޭނާ ވަނީ ދޫކޮށްލާފަ އެވެ.