ލަންކާގެ ކޮލެޖުތަކެއް ސަސްޕެންޑުކޮށްފައިވާތީ ކޯސްތަކުގައި އިތުރަށް ބައިވެރިނުވާން އެމްކިއުއޭއިން އިލްތިމާސްކޮށްފި

ސްރީ ލަންކާގައި ހިންގަމުން އަންނަ ކޮލެޖުތަކެއް ސަސްޕެންޑުކޮށްފައިވާތީ އެ ކޮލެޖުތަކުން ކުރިއަށްގެންދާ ކޯސްތަކުގައި އިތުރަށް ބައިވެރިނުވާން ދިވެހި ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިލޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެމްކިއުއޭއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ލަންކާގެ ޓިވެޓްގައި ރަޖިސްޓްރީކޮށްފައިވާ މަތީ ތައުލީމުދޭ ބައެއް މަރުކަޒުތައް ސަސްޕެންޑުކޮށްފައިވާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްޕަސްތަކެއް ހިމެނޭ ކަމަށެވެ.
އެ މަރުކަޒުތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން ވީ އެންމެ އަވަހަކަށް އެ އޮތޯރިޓީއަށް މެއިލް ކުރުމަށް އެމްކިއުއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެ މަރުކަޒުތަކުގެ ޕްރޮގްރާމުތަކުގައި މިވަގުތު އިތުރަށް އެންރޯލްވެގެން މަތީތައުލީމު ހާސިލުކުރަން ނުފެށުމަށް ވެސް އެ އޮތޯރިޓީން ވަނީ ނަސޭހަތްތެރިވެފަ އެވެ.
އެމްކިއުއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއިން ބޭރަށް ކިޔަވަންދާ ބައެއް ދަރިވަރުން ކިޔަަވަން ދަނީ އެ އޮތޯރިޓީން ހޯދަން ޖެހޭ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ގެ ލިޔުން ނުހޯދާ ކަމަށެވެ.
އެހެންވެ ދަރިވަރުން ކިޔަވައި ނިމިގެން އައިސް ސަނަދު ވެލިޑޭޓްކުރަން ހުށަހެޅުމުން އެ ކިޔެވި ތަނަކީ އެމްކިއުއޭ ގަބޫލުކުރާ މަރުކަޒަކަށް ނުވުމުން އުސޫލުގެ ތެރެއިން ސަނަދު ވެލިޑޭޓް ނުކޮށްދޭ ކަމަށެވެ.
އެހެންވެ ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން އެ އޮތޯރިޓީން ހޯދަން ޖެހޭ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ގެ ލިޔުން ހޯދަން އެމްކިއުއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި އެ ލިޔުން ނުހޯދާ ކިޔަވަން ފަށާފައިވާ ދަރިވަރުން ވެސް ވީހާވެސް އަވަހަކަށް އެ ލިޔުން ހޯދުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.
"މި ލިޔުން ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީ އެމްކިއުއޭއިން ގަބޫލުކުރާ މަރުކަޒެއްް ކަމާއި އެ ކިޔަވާ ޕްރޮގްރާމަކީ އެމްއެންކިއުއެފްއަށް ފެތޭ ޕްރޮގްރާމެއްކަން ބެލުމާއި މީގެއިތުރުން އެ މަރުކަޒަކީ އެ ގައުމެއްގެ ސަރުކާރާ ބެހޭ އިދާރާއަކުން ގަބޫލުކުރާ މަރުކަޒެއް ކަމާއި އެ މަރުކަޒުގައި އެ ޕްރޮގްރާމް ރަޖިސްޓްރީކޮށްފައިވާކަން ކަށަަވަރު ކުރުމެވެ،" އެމްކިއުއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީން ގަބޫލުނުކުރާ މަރުކަޒަކުން ކިޔަވައިގެން ސަނަދު ވެލިޑޭޓް ނުކުރެވި، ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް ވެސް އެމްކިއުއޭއިން ބުންޏެވެ.
