ޝާހިދާއި ފައްޔާޒުގެ މަރުހަބާ ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންނަށް، ކުރިމަގު އޮތީ އެމްޑީޕީގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އެނބުރި ގުޅުމަށް ނިންމި ނިންމުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މަރުހަބާ ދަންނަވައިފި އެވެ.
ޑިމޮކްރެޓްސްއިން އަންގާރަ ދުވަހު ބޭއްވި އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި އެ ޕާޓީގެ މެމްބަރުން އެމްޑީޕީ އާ ގުޅުމަށް ނިންމައި ގަރާރެއް ވަނީ ފާސްކޮށްފަ އެވެ. ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް އެ ގަރާރު ހުށަހެޅުއްވީ ވިމެން ޑިމޮކްރެޓްސްގެ ލީޑަރު ފާތިމަތު ހަމްދާ މުހައްމަދެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށް ޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާ ގުޅުމަށް އިގުރާރުވަމެވެ." އެ ގަރާރުގައިވެ އެވެ.
ހަމްދާގެ ގަރާރު ފާސްކޮށްފައި ވަނީ ވޯޓު ދެއްވި 44 މެމްބަރުންގެ ތެރެއިން 35 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ އެސެމްބްލީގެ މެމްބަރުން މެދުގައި އެ ނިންމުމާ މެދު ފުޅާދާއިރާއެއްގައި ހިޔާލު ބަދަލުކުރުމަށް ފަހުގަ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ވަނީ އެ ޕާޓީ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމެއް މިރޭ ބާއްވާފަ އެވެ. އެ ބައްދަލުވުމަށް ފަހު އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.
މުސްތަގުބަލެއް އޮތް ހަަމައެކަނި ޕާޓީއަކީ އެމްޑީޕީ
ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެނބުރި އެމްޑީޕީ އާ ގުޅުމަށް ނިންމި ނިންމުމަށް މަރުހަބާ ދަންނަވައި އެ ޕާޓީގެ ރައީސް ޝާހިދު ވިދާޅުވީ މީހުންނަކީ މާޒީގެ އަޅުންނަށް ވެގެން ނުވާނެ ކަމަށާއި އަބަދުވެސް އަމާޒު ހިފަން ވާނީ މުސްތަގުބަލަށް ކަމަށެވެ.
"އަޅުގަނޑުމެންނަކީ މާޒީގެ އަޅުންނަށް ވެގެން ނުވާނެ. އަޅުގަނޑުމެން އަބަދުވެސް އަމާޒު ހިފަން ވާނީ މުސްތަގުބަލަށް. ކާމިޔާބު ލިބޭނީ އެކުވެރިވެ، އެކުގައި މަސައްކަތްކޮށްގެން ކަމީ ދުނިޔަވީ ހަގީގަތް،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ގައުމުގެ މިސްރާބު ހަމަމަގަށް ގެންދިއުމަށް ކެތްމަދުވެފައި ތިބި އެންމެން އެމްޑީޕީ އާ ގުޅުމަށް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.
"ރާއްޖޭގެ މުސްތަގުބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ،" ޝާހިދު ވިދާޅުވި އެވެ.
ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން ގުޅުމަކީ އިތުރު ހިތްވަރެއް
އެ ޕާޓީގެ ކުރީގެ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާ ގުޅުމަށް ނިންމި ނިންމުމަށް މަރުހަބާ ދަންނަވައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވި ގޮތުގައި ޕާޓީއަކީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުކުރުމާ އެކު އިސްލާހަށް މަސައްކަތް ކުރުމުގެ ވިސްނުމުގައި އުފެދުނު ޕާޓީއެއް ކަމުގަ އެވެ.
"ރާއްޖެ ހަމަމަގުން ނެއްޓޭ ކޮންމެ ފަހަރަކު ކަންކަން ހަމަމަގަށް އެޅުވީ މި ޕާޓީގެ މެމްބަރުންގެ ހިތްވަރުންނެވެ،" ފައްޔާޒު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ދޮށީ ޕާޓީއަކީ ވެސް އެމްޑީޕީ ކަމުގައި ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ޕާޓީ އާ އަލުން އެ މެމްބަރުން ގުޅުމަކީ މަސައްކަތަށް ލިބޭ އިތުުރު ހިތްވަރެއް ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުގެ އަމަލުތަކަށް އިންތިހާއަށް ފާރަވެރިވާން ޖެހޭ މިފަދަ ވަގުތެއްގައި ރައީސް ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން މި ޕާޓީ އާ ގުޅުމަކީ މި މަސައްކަތުގައި ލިބުނު އިތުރު ހިތްވަރެކެވެ،" ފައްޔާޒު ވިދާޅުވި އެވެ.
