ދޮގު ބަޔާންދިން މައްސަލައިގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުން ދާއޫދު ވަކިކޮށްފި

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާނެއް ދިނުމާ ގުޅިގެން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓެރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު ޒިލާލް މަގާމުން ވަކިކުރައްވައިފި އެވެ.
ދާއޫދަކީ ފެންޓެނޯއީއިން ޔުމްނު ވެއްޓުނު ރޭ އޭނާ އާއެކުގައި އެންމެފަހުން އުޅުނު ރައުދު އަހްމަދު ޒިލާލުގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. ޔުމްނު ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި، ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އަމާޒުކުރި ތުހުމަތުތަކާ އެކު ރައީސް އޮފީހުގައި އޭނާ ހުރި މަގާމުން ސަސްޕެންޑް ކޮށްފައި ވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެޕްރީލު މަހުގެ 24 ވަނަ ދުވަހު އެވެ.
ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ މެދު ސުވާލު އުފެދި އިތުބާރު ގެއްލުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެލުމަށް ހާއްސަ ކޮމިޝަނެއް އެޕްރީލު މަހުގެ 27 ވަނަ ދުވަހު އުފައްދަވާފަ އެވެ. އެ ކޮމިޝަނުން އެކުލަވާލި އިންކުއަރީ ރިޕޯޓު އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދާދިދެންމެއަކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއޫދު މަގާމުން ވަކިކުރައްވާފައި ވަނީ އެ މައްސަލަ ބެލުމަށް އުފެއްދެވި ހާއްސަ ކޮމިޝަނުގެ ރިޕޯޓު ތަންފީޒު ކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ.
"... ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓެރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު އެ މަގާމުން ވަކިކުރައްވައިފި." ހީނާ ވިދާޅުވި އެވެ.
ކޮމިޝަނަށް ދާއޫދު ދިން ބަޔާނުގައި ބުނީ ރައުދު އާ ދިމާވީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ފަތިހު 5:30 އާއި 6:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ރައުދު ގެއަށް ގެނައި މީހަކު ނޭނގޭ ކަމަށާއި އެ މީހަކު އޭނާ ގެއަށް ބާލާފައި ދިޔައީ ކަމަށެވެ.
"... މއ. މާންދޫގޭދެކުނުގޭގައި އެއްވުމެއް އޮތްކަން އެނގޭތީ، އެ ތަނުގައި ތިބި މީހުންނަށް ފޯނުން ގުޅޭތޯ ބަލާފައިވާނެ ކަމަށާއި، މިކަމާ ގުޅިގެން ސަރުކާރުގެ ސީނިއާ އެއްވެސް މީހަކަށް، ފުލުހަކަށް އަދި ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު އަހްމަދު ބުނެފައިވެ އެވެ." ރިޕޯޓުގައިވެ އެވެ.
ދާއޫދު އިހްސާނަށް ގުޅައި މެސެޖުކުރި
ދާއޫދު އެހެން ބުނެފައި ވިނަމަވެސް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވަނީ އެޕްރީލު މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު ދާއޫދު ގުޅުމުން 1 މިނިޓުގެ ކޯލެއް ނަގާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ދާއޫދަކީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން ދަންނަ މީހެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
އެ މުއާމަލާތަށް ފަހު ވެސް ދާއޫދު ގުޅި ކަމަށާ އަދި މެސެޖުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ދެއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
މައްސަލައިގައި ދާއޫދު ދިން ބަޔާންތަކުގައި ފުށުއެރުންތަކެއް
ކޮމިޝަނުގެ ރިޕޯޓުގައި ބުނި ގޮތުގައި ރައުދު ގެއަށް ވަދެފައި ވަނީ އަމިއްލައަށް ކަމަށާއި ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅޭގޮތުން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށް ދާއޫދު ބުނެފައިވާ ކަމުގަ އެވެ. އަދި ރައުދު، ޔުމްނު ވެއްޓުމާ ބެހޭ އެއްވެސް ވާހަކައެއް އޭނާ ގާތުގައި ބުނެފައި ނުވާ ކަމަށް ދާއޫދު ބުނެފައި ވިނަމަވެސް، އެޕްރީލު މަހުގެ 18 ވަނަ ދުވަހުގެ އެކި ވަގުތުތަކުގައި އޭނާ މިނިސްޓަރު އިހްސާން އާ މުއާމަލާތުކޮށް ވާހަކަ ދެކެވިފައިވާކަން ފާހަަގަކުރެވިފައިވާ ކަމުގަ އެވެ.
ހާދިސާއަށް ފަހު ރައުދު ގެއަަށް އައުމުން އޭނާ ބަލާ ތިިރިއަށް ފޭބީ ދާއޫދު ކަމަށް ދެ މީހަކު ބުނެފައިވާކަން ފާހަގަކޮށް ކޮމިޝަނުން ބުނީ މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ދީފައިވާ ބަޔާނާއި އެ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާ އެކު، ތަހުގީގަށް ދާއޫދު ދޮގު ބަޔާނެއް ދީފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ދާއޫދު އާއި އޭނާގެ ރައްޓެހިންގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި އެ ފަރާތްތަކުން ތަހުގީގީ އިދާރާތަކަށް ދޮގު ބަޔާން ދީފައިވާތީ އެ ފަރާތްތަކުން ތަހުގީގަށް ކަމެއް ސިއްރުކުރާ ކަމަށް އެ ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.
ހާދިސާއަށް ފަހު ރައުދު އާއި ދާއޫދު އާ ބައްދަލުވެ ވާހަކަ ދައްކާފައިވާއިރު، މިފަދަ ހާދިސާއެއް ހިނގުމަށް ފަހު ދެން ދިމާވާ މީހެއްގެ ގާތުގައި، ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ މައްސަލަތަކެއްގެ ވާހަކަ ހަމައެކަނި ދައްކަފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.
"މީގެ ނަތީޖާއެއްގެ ގޮތުން ހައްވާ ޔުމްނު ހ. މިޓާޒް ފުރާޅު މައްޗަށް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބި އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރުން ބަލާއިރު ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައި،" ރިޕޯޓުގައިވެ އެވެ.
ހާދިސާގައި ރައުދުގެ އިހުމާލާ އެއްވަރަށް، އެކަން ކަމާ ބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި ދާއޫދު އާއި އެ ގެއިން ރައުދު އާއި ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭ ކަމަށް ފެންނާތީ، އެކަން ކަމާ ބެހޭ އިދާރާތަކުން އިތުރަށް ތަހުގީގު ކުރުމަށް ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.
