ސަރުކާރުގެ ރައްދު ފައްޔާޒަށް: ކަނޑައަޅާފައިވާ ތަންތަން ހުއްދައަކާ ނުލައި ބޭނުން ކުރެވޭނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ ގިނަ މެމްބަރުންތަކެއް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އަލުން ގުޅިވަޑައިގަތުން ފާހަގަކުރުމަށާއި އެ ޕާޓީގެ އަހަރީ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކައަށް ސަރުކާރުން ރައްދު ދީފި އެވެ.
ފައްޔާޒު ވިދާޅުވެފައި ވަނީ ނަޝީދު އާއި ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީ އާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާ ދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ އެކި ހަރަކާތްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.
އެ ހަފުލާތައް ބޭއްވުމަށް އަދި އެއްވެސް ތަނެއް ހަމަޖެހިފައިނުވާކަން ފާހަގަކުރައްވައި، އަންނަ ހޯމަ ދުވަހުގެ ކުރިން އިތުރު ތަނެއް ހަމަނުޖެހިއްޖެ ނަމަ، ނަޝީދަށް މަރުހަބާ ކިޔުމުގެ ހަފުލާ ބާއްވާނީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ކަންމަތީގައި ކަމަށް ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ވަނީ އެހާތަނަށް ސަރުކާރުން އިތުރު ތަނެއް ހަމަޖައްސައިނުދީފި ނަމަ، ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ހޯމަ ދުވަހުގެ ރޭ 9 ޖަހާއިރަށް އެ ސަރަހައްދަށް ދިއުމަށް ދައުވަތު ދެއްވާފަ އެވެ.
ފައްޔާޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެއްކެވީ ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅެވޭނެ ކަމަށް މި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކެވެ.
މާލޭގައި މީގެކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވުން ބޭއްވޭ ގޮތަށް އޮންނަނީ ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަންޏެވެ. އެހެންނަމަވެސް ހޯމްލޭންޑް މިނިސްޓްރީން މިދިޔަ މެއި މަހުގެ ދެ ވަނަ ދުވަހު ވަނީ ރަސްފަންނު، މާލެ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ޒޯން އަދި އުސްފަސްގަނޑު ސަރަހައްދަށް ވެސް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅެވޭނެ ކަމަށް ކަނޑައަޅާފަ އެވެ.
އެ ތަންތަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށާއި ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށް ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ގައުމަށް ޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
"އެހެންކަމުން މި ގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެކެވެ،" ހީނާ ވިދާޅުވި އެވެ.
