ޚަބަރު ސަރުކާރު

ބޭހާ ގުޅޭ ކަންކަން ހަރުދަނާކުރަން ޕާކިސްތާނާ އެކު މަޝްވަރާކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހެލްތު މިނިސްޓްރީގެ އިސްވެރިން ޕާކިސްތާނުގެ ފާމަސިއުޓިކަލް އެސޯސިއޭޝަނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:ހެލްތު މިނިސްޓްރީ

ބޭހާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އާއި އެ ގައުމުގެ ފާމަސިއުޓިކަލް އެސޯސިއޭޝަނާ އެކު ހެލްތު މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

Ads by MPL

އެ މަޝްވަރާތައް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރަމުން ގެންދާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.

ހެލްތު މިނިސްޓްރީން ބުނީ ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އާއެކު ބޭއްވި ބައްދަލުވުމުގައި ރެގިއުލޭޓަރީ ކޯޕަރޭޝަން ހަރުދަނާކުރުމާއި ބޭހުގެ ކޮލިޓީ އެޝުއަރެންސް އިތުރުކުރުމާއި ބޭސް އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމުގެ ނިޒާމުތައް ރަނގަޅުކުރުމުގެ އިތުރުން ކެޕޭސިޓީ ބިލްޑިން ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ޑްރަގް އޮތޯރިޓީ އާއެކު ބޭއްވި ބައްދަލުވުމުގެ އިތުރުން ހެލްތުގެ އިސްވެރިން ވަނީ އެ ގައުމުގެ ފާމަސިއުޓިކަލް އެސޯސިއޭޝަނާ އެކު ވެސް ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި ރެގިއުލޭޓަރީ އެލައިންމަންޓާއި ކޮލިޓީ އެޝުއަރެންސް އަދި ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުން ހިމެނޭ ގޮތަށް އެއްބާރުލުން ދިނުމުގެ ދާއިރާތައް ހޯދުމަށް އެ އެސޯސިއޭޝަނުގެ އޮފިޝަލުންނާ މަޝްވަރާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ދަތުރުގައި ހެލްތު މިނިސްޓްރީގެ ވެރިން ވަނީ ޕާކިސްތާނުގެ ނާސިން އެންޑް މިޑްވައިފަރީ ކައުންސިލާއި ޔުނިވާސިޓީގެ އިސް އޮފިޝަލުންނާ ވެސް ބައްދަލުކޮށްފަ އެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމާއި ސްޕެޝަލައިޒްޑް ނާސިން ޓްރެއިނިން ފަދަ ވަކި ދާއިރާތަކަށް އަމާޒުކޮށް ތަމްރީނުތައް ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމުގަ އެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައި ވަނީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އާއި ސްޓޭޓް މިނިސްޓަރު އައިމިނަތު ޝިރުނާ އާއި ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސާމިޔާ އާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސް އޮފިޝަލެކެވެ.

Ads by Ooredoo