ޚަބަރު ރައްޔިތުންގެ މަޖިލިސް

ތެލެސީމިއާ ކުދިން ލިބިދާނެ މީހުން ކައިވެނީގެ ކުރިން ޕްރޮގްރާމެއްގައި ބައިވެރިވާން އިސްލާހެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ލޭ ހަދިޔާކުރަން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން: ތެލެސީމިއާ ކުދިން ލިބިދާނެ މީހުން ކައިވެނީގެ ކުރިން ޕްރޮގްރާމެއްގައި ބައިވެރިވާން އިސްލާހެއް ވަނީ ހުށަހަޅާފައި / ފޮޓޯ:އެމްއާރުސީ

ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނި ކުރުމުގެ ކުރިން ހާއްސަ ޕްރޮގްރާމެއްގައި ބައިވެރިވާން ޖެހޭ ގޮތަށް ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

Ads by STELCO

އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަހްމަދު ނަސީރެވެ.

ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނި ކުރުމުގެ ކުރިން ކަމާ ގުޅުންހުރި ހާއްސަ ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހެ އެވެ. އެފަދަ މީހުންނަށް އާއިލާ ރޭވުމުގައި ދޭން ޖެހޭ މައުލޫމާތާއި ކައުންސެލިން ފޯރުކޮށްދެ އެވެ.

އެހެންނަމަވެސް މިއަދު ހުށަހެޅި އެ އިސްލާހުގައި ބުނީ ރާއްޖޭގައި ކައިވެނި ކުރަން އެދޭ ދެ މީހުން ކައިވެނި ކުރުމުގެ ހުއްދައަށް އެދި ކައިވެނީގެ ރަޖިސްޓްރާއަށް ހުށަހަޅަން ވާނީ ތެލެސީމިއާއަށް ޓެސްޓު ކުރުމަށްފަހު އެ ޓެސްޓުގެ ނަތީޖާ އާއެކުގައި ކަމަށެވެ. އެ ނަތީޖާއަށް ބަލައި އެ މީހުންނަކީ ތެލެސީމިއާ ކުދިން ލިބިދާނެ މީހުން ކަމުގައިވާ ނަމަ، އެފަދަ ކައިވެންޏެއް ކޮށްދެން ވާނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.

އެ ޕްރޮގްރާމާ ގުޅޭގޮތުން ހަދާ ގަވާއިދުގައި، ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭ މީހުންނާއި އެ ޕްރޮގްރާމުގައި އެކުލެވެން ޖެހޭ ބައިތައް ހިމަނަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު: ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅުއްވާފައި / ފޮޓޯ:މަޖިލިސް

އިސްލާހުގައި ވަނީ ތެލެސީމިއާ ސެންޓަރުގެ އިސްވެރިޔާގެ މަގާމުގައި ހުންނަ ޑިރެކްޓަ ޖެނެރަލް އައްޔަންކުރަން ޖެހޭ ގޮތާއި އެ މަގާމަށް އައްޔަންކުރާ މީހާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކާ އަދި މަގާމުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކަށް ބަދަލު ގެނައުމަށް ވެސް ހުށަހަޅާފަ އެވެ.

މިހާރު އޮންނަ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ މަގާމަށް މީހަކު އައްޔަންކުރާއިރު، އެ މީހަކު މަސައްކަތް ކުރަން ޖެހެނީ ކަމާ ގުޅޭ މިނިސްޓަރުގެ އާންމު އިރުޝާދުގެ ދަށުންނެވެ. އަދި އެ މީހަކީ މެނޭޖްމަންޓުގެ ދާއިރާ އާއި ތެލެސީމިއާގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ.

އަލަށް ހުށަހެޅި އިސްލާހުގައި ބުނި ގޮތުގައި ޑިރެކްޓަ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެ މަތިން ސީއެސްސީން ކަމުގަ އެވެ. އަދި މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޖަވާބުދާރީވާން ޖެހޭނީ ވެސް މިނިސްޓަރަށް ކަމުގަ އެވެ.

މަގާމަށް އައްޔަންކުރާ މީހާގެ ހުންނަން ޖެހޭ ޝަރުތުތައް:

  • މެނޭޖްމަންޓުގެ ދާއިރާއަކުން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން
  • ސިއްހީ ދާއިރާގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހަކަށް ވުމާ އެކު، އެ މުއްދަތުގައި ތެރޭގައި މަދުވެގެން 4 އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން

ޑިރެކްޓަ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރާނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އެ މީހަކީ ވަޒީފާގެ މަސްއޫލިއްޔަތުތަކާ މަސްލަހަތު ފުށުއަރާ އެހެން ވަޒީފާއެއް އަދާކުރާ ނުވަތަ މަސައްކަތެއްކުރާ މީހަކަށް ވެގެން ނުވާނެ އެވެ.

ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެންނަ އިސްލާހާ އެކު ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާއި އަލަށް އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ޝާއިއުކުރަންވާނެކަން ވަނީ ފާހަގަކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!