ޚަބަރު ސަރުކާރު

މެދުއިރުމަތީގައި ތިބި ދިވެހިންގެ ހާލަތު ދަނީ ގާތުން ބަލަމުން: ހަލީލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުގެ 51 ވަނަ ބަައްދަލުވުމުގައި ފޮރިން މިނިސްޓަރު ހަލީލް ވާހަކަ ދައްކަވަނީ / ފޮޓޯ:ފޮރިން މިނިސްޓްރީ

‏މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އެ މިނިސްޓްރީންނާއި މިޝަންތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

Ads by STELCO

އިޒްރޭލުން އީރާނަށް މި މަހުގެ 13 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރަމުންދާ ހަމަލާތައް އިތުރުވެ، އެމެރިކާއިން ވެސް ވަނީ އީރާނަށް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާގެ ރައްދުގައި އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޭ ހަމަލާ ދީފަ އެވެ.

އީރާނުން ގަތަރަށް ދިން ހަމަލާ އާ ގުޅިގެން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރި އެވެ. ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމާ އެކު އެހެން އެއާޕޯޓުތަކަށް ފްލައިޓުތައް ޑައިވާޓްކުރަން ޖެހުމާ ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓުތައް ޑިލޭވެފައިވެ އެވެ.

އެކަމާ ގުޅިގެން މިއަދު ހެނދުނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ ‏މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިންނާއި އެ ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންގެ ހާލަތު އެ މިނިސްޓްރީންނާއި މިޝަންތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

"މިވަގުތު މި ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާ އެކު، މި ގައުމުތަކުގައި ދިރިއުޅުއްވާ އަދި މިވަގުތު ޒިޔާރަތް ކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ އެ ގައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަން،" ހަލީލް ވިދާޅުވި އެވެ.

އިޒްރޭލާއި އީރާނާ ދެމެދު ބަދަލުކުރަމުން ދިޔަ ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށް ރޭ ފަތިހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިއުލާނު ކުރައްވާފަ އެވެ.