މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރާނެ އަސަރުތައް އެބަ ބަލަން: ޒަމީރު

މެދުއިރުމަތީގައި މިވަގުތު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ އަސަރުތައް ސަރުކާރުން ވަރަށް ފުންކޮށް ދިރާސާކުރަމުންދާ ކަމަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން އީރާނަށް މި މަހުގެ 13 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރަމުންދާ ހަމަލާތައް އިތުރުވެ، އެމެރިކާއިން ވެސް ވަނީ އީރާނަށް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާގެ ރައްދުގައި އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޭ ހަމަލާ ދީފަ އެވެ.
އީރާނުން ގަތަރަށް ދިން ހަމަލާ އާ ގުޅިގެން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރި އެވެ. ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމާ އެކު އެހެން އެއާޕޯޓުތަކަށް ފްލައިޓުތައް ޑައިވާޓްކުރަން ޖެހުމާ ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓުތައް ޑިލޭވެފައިވެ އެވެ.
މިއަދު ހެނދުނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާއި ކާބޯތަކެތީގެ ސަޕްލައި ޗެއިން ދެމެހެއްޓުމާއި ގައުމުގެ މާލީ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެމުންދާ ކަމަށެވެ.
އޭގެ އިތުރުން ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާއި އިންފްލޭޝަންގެ ނިސްބަތާއި ވިޔަފާރިތަކަށް ދިމާވެދާނެ ހުރަސްތައް ވަރަށް ގާތުން މޮނިޓާކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެ ކަންކަން ބެލެހެއްޓުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު ވިލަރެސްކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންގެ މަންފާ ހިމާޔަތްކުރުމަށާއި މިފަދަ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގަ އެވެ. އަދި މި ހާލަތުގެ ސަބަބުން އިގުތިސޯދަށް ކުރާނެ ނޭދެވޭ އަސަރުތައް މަދުކުރުމަށް އެކި ފިޔަވަޅުތައް އަޅަމުންދާކަން ވެސް ވަނީ ހާމަކުރައްވާފަ އެވެ.
އިޒްރޭލާއި އީރާނާ ދެމެދު ބަދަލުކުރަމުން ދިޔަ ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށް ރޭ ފަތިހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިއުލާނު ކުރައްވާފަ އެވެ.
