ޚަބަރު ސަރުކާރު

އެސްއީޒެޑުގެ ފުރަތަމަ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސިންގަޕޫރުގައި ބޭއްވި މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: ތިން މަޝްރޫއެއްގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައި / ފޮޓޯ:ރައީސް އޮފީސް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ފުރަތަމަ މަޝްރޫއުގެ ގޮތުގައި 100 މެގަވޮޓުގެ ފްލޯޓިން ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

Ads by STELCO

އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރާއްޖޭގައި އިންވެސްޓްކުރަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން އިންވެސްޓަރުންނަށް މައުލޫމާތު ދިނުމަށް އެކި ގައުމުތަކުގައި ބާއްވަމުން އަންނަ ބިޒްނަސް ފޯރަމްތަކުގެ ތެރެއިން ހަތް ވަނަ މޯލްޑިވްސް ބިޒްނަސް ފޯރަމުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ފޯރަމުގައި 100 މެގަވޮޓުގެ ސޯލާ ސިޓީ މަޝްރޫއުގެ އިންވެސްޓްމެންޓް އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ. މަޝްރޫއު ކުރިއަށް ގެންދާ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަަހައްދުގައި ކުރިއަށް ގެންދިއުމަށް މިހާރަށް ހުއްދަ ލިބިފައިވާ ފުރަތަމަ މަޝްރޫއު އެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހުއްދަ ދީފައިވާ މަޝްރޫއަކީ 2028 ވަނަ އަހަރަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަން ރައީސް މުއިއްޒު އިއުލާނު ކުރައްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މަތީ ފަންތީގެ ބޯހިޔާވަހި ކަމަށް ހާއްސަކޮށް ކުރިއަށް ގެންދާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ:ރައީސް އޮފީސް

ފޯރަމުގައި ވަނީ މަތީ ފަންތީގެ ބޯހިޔާވަހި ކަމަށް ހާއްސަކޮށް 'ސާވިސް އެގްރިމެންޓް ފޯ އަ ރެސިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމް' ގެ ނަމުގައި ރެސިޑެންސް އެންޑް ސިޓިޒެންޝިޕް ކުންފުންޏެއް ކަމުގައިވާ ހެންލޭ އެންޑް ޕާޓްނާސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދެވެ. ހެންލޭ އެންޑް ޕާޓްނާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޕާޓްނާ، މިޑްލް އީސްޓް ފިލިޕް އަމަރާންޓީ އެވެ.

މި ފޯރަމުގައި ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒް (އެސްސީއީ) އާއެކު ވެސް އެމްއޯޔޫއެއްގައި ސޮއިކުރި އެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ. އެސްސީއީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ޓޭ ލިއަން ޗިއު އެވެ.