ޚަބަރު ސަރުކާރު

އެސްއޯއީތަކުގެ މާލީ ހިންގުން ހަރުދަނާކުރަން ސިންގަޕޫރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެސްއޯއީތަކުގެ މާލީ ހިންގުން ހަރުދަނާކުރަން ސިންގަޕޫރާ އެކު އެމްއޯޔޫއެއްގައި ސޮއިކުރުން / ފޮޓޯ:ފިނޭންސް މިނިސްޓްރީ

ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ގެ ހިންގުން ހަރުދަނާ ކުރުމަށް ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

Ads by MPL

އެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ ރާއްޖޭގައި އިންވެސްޓްކުރަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން އިންވެސްޓަރުންނަށް މައުލޫމާތު ދިނުމަށް އެކި ގައުމުތަކުގައި ބާއްވަމުން އަންނަ ބިޒްނަސް ފޯރަމްތަކުގެ ތެރެއިން ހަތް ވަނަ މޯލްޑިވްސް ބިޒްނަސް ފޯރަމުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި "މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމް 2025" ގައި ދިވެހި ސަރުކާރުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ. ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒް (އެސްސީއީ) ފަރާތުން ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ޓޭ ލިއަން ޗިއު އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެސްސީއީ އާއެކު އެމްއޯޔޫއެއްގައި ސޮއިކުރީ އެސްއޯއީތަކުގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާ ކުރުމަށް ކަމަށެވެ.

މި އެމްއޯޔޫގެ ދަށުން ރާއްޖެ އާއި ސިންގަޕޫރާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ ހަރުދަނާ ބިންގަލެއް ގާއިމުކުރެވި، ދެ ގައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއޯޔޫގެ މަގުސަދަކީ ސިންގަޕޫރުގެ ޕަބްލިކް ސެކްޓާގެ ފުޅާ އިލްމާއި ނަމޫނާ އާދަތައް ބޭނުންކޮށްގެން ރާއްޖޭގައި މުހިންމު ޕްރޮގްރާމުތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމުގައި ފާހަގަކުރި އެވެ.

އެމްއޯޔޫގެ ދަށުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި:

  • އެސްއޯއީތަކުގެ ހިންގުމުގެ ނިޒާމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުން.
  • މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމުގެ ހަރުދަނާ އޮނިގަނޑުތަކެއް ގާއިމުކުރުން. އޭގެ ތެރޭގައި މައިގަނޑު މަސައްކަތުގެ ފެންވަރު ދައްކުވައިދޭ މިންގަނޑު (ކޭޕީއައި) އާއި ޖަވާބުދާރީވުމުގެ ނިޒާމުތައް އެކުލަވާލުން ހިމެނޭ.
  • އެސްއޯއީތަކުގެ މާލީ ހިންގުމާއި ހިންގުމުގެ ހަރުދަނާކަމާއި އަދި ވިޔަފާރީގެ އެންމެ ރަނގަޅު އުސޫލުތައް ގެންގުޅުން ހަރުދަނާކުރުން.

Ads by HDC