ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓައިދޭން އެހީވެދޭން އެމްޑީޕީން އީޔޫގައި އެދިއްޖެ

ރާއްޖޭގައި ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓައިދޭން މަސައްކަތްކޮށްދޭން އެމްޑީޕީން ޔޫރަަޕިއަން ޔޫނިއަން(އީޔޫ)ގައި އެދިއްޖެ އެވެ.
އެމްޑީޕީގެ އިސް ބޭފުޅުންތަކެއް އީޔޫގެ ވަފުދަކާއެކު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ކަންކަން މިހާރު ހުރި ގޮތް ހިއްސާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އަދި އެމްޑީޕީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ބޭފުޅުންވެސް ބައިވެރިވެލެއްވި އިރު ރާއްޖެއިން އީޔޫޢަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ، ވެސް ސަރުކާރުގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެލެއްވި އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ހާލަތު ގާތުން މޮނީޓާކޮށް ރާއްޖޭގައި ޑިމޮކްރަސީ ނަގަހައްޓަން މަސައްކަތްކުރާ ފަރާތްތަކަށް ތާއިދުކޮށް އެހީތެރިވުމަށް އެމްޑީޕީން އެ ބައްދަލުވުމުގައި އީޔޫގައި އެދުނު ކަމަށެވެ.
ހަމަ އެހެންމެ ބައިނަލްއަގުވާމީ ފަރާތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން މޮނީޓާކުރުމާއި މަދަނީ ޖަމިއްޔާތަކާއި އަދި މީޑިއާތަކަށް އެހީތެރިވުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.
އެމްޑީޕީން އީޔޫއާ ހިއްސާކުރި މުހިންމު ކަންބޮޑުވުންތައް
- ޖުޑިޝަރީީގެ މިނިވަންކަން ސަރުކާރުން ވަނީ ނަގާލައިފައި
- އަވަސް އަރުވާލައި މަޖިލީހުން ކަންކަން ދަނީ ނިންމަމުން
- މަދަނީ ޖަމިއްޔާތަކާއި މީޑިއާތަކަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން
- ދަރަނި ބޮޑުވެ އިގުތިސާދު ނާޒުކު ފައްތަރަކަށް ވަނީ ވައްޓާލައިފައި
- އިންތިހާބުތަކަށް ނުފޫޒު ފޯރުވަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން
ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް މި ސަރުކާރުން ކުރިން ވާޙަކަ ދެއްކައި އެތަން އަނބުރާ ހޯދާނެކަމަށް ބުނި ނަމަވެސް ރާއްޖެއިން އެފަދަ ވިސްނުމެއް ނެތްކަމަށް ގިލާ އެ ބައްދަލުވުމުގައި ވިދާޅުވިކަމަށް ވެސް އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ.
