ޚަބަރު

އާމްދަނީ 8.9 އިންސައްތަ އިތުރުވެ، 18.6 ބިލިއަން ރުފިޔާއަށް އަރައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފިނޭންސް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތް / ފޮޓޯ:ދެން އިމޭޖްސް

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 26 ޖޫން 2025ގެ ނިޔަލަށް 18.6 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރުވެއްޖެ އެވެ.

Ads by STELCO

ފިނޭންސް އާންމުކޮށްފައިވާ 26 ޖޫން 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 18.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، އެއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރު އަދަދެކެވެ.

ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 14.2 ބިލިއަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.5 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 92.0 އިންސައްތަވަނީ އިތުރުވެފައެވެ. އަދި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 55.0 އިންސައްތަވަނީ އިތުރުވެފަ އެވެ.

ހަމަ އެހެންމެ، ރީއެކްސްޕޯޓް ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރުވަނީ ބޮޑުތަނުން އިތުރުވެފަވާއިރު ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ މިންވަރު 21.1 އިންސައްތައިންވަނީ އިތުރުވެފަ އެވެ.

ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 52.5 އިންސައްތަ ވަނީ އިތުރުވެ އެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.1 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީ އެވެ.

ހަމަ އެހެންމެ، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ އަދި ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައިވަނީ އިތުރުވެފަ އެވެ. މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތައިން އިތުރުވެފަ އެވެ. އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިވަނީ 60.1 އިންސައްތަވަނީ އިތުރުވެ 1.0 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 46.7 އިންސައްތަ، 26 ޖޫންގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 36.5 އިންސައްތަ އެވެ.

Ads by Ooredoo