ޚަބަރު

ފިޝިން ލިންކުތައް ފޮނުވައިގެން ޓެލެގްރާމް ހެކްކުރުމުގެ މައްސަލަަތައް އިތުރުވަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެ  ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކުކަމަށާއި އެ  މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނާ ކަމަށެވެ.

އަދި އެއަށް ފަހު ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނާކަމަށާއި އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެއާއެކު ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ޕިޝިން ލިންކު ފޮނުވަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިން ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ނުވަތަ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯލްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރުމަށް ވެސް ފުލުހުން ބުންޏެވެ.

"ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ." ފުލުހުން ބުންޏެވެ.

ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެގޮތް:

  1. ޓެލެގްރާމް ސެޓިން
  2. ޕްރައިވަސީ އެންޑް ސެކިއުރިޓީ
  3. ޓޫ-ސްޓެޕް ވެރިފިކޭޝަން
  4. ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން
  5. ރިކަވަރީ އީމެއިލް އެޑްކުރުން.