ޚަބަރު

އެމްއޭސީއެލްއިން ބުނީ މުސާރަދޭ ގޮތް ބަދަލުނުކުރާނެ ކަމަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު / ފޮޓޯ:އެމްއޭސީއެލް

މުސާރަދޭ ގޮތް ބަދަލުނުކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން އިން ބުނެފި އެވެ.

Ads by MPL

ޑޮލަރުން މުސާރަ ދޭ ބައެއް ކުންފުނިތަކުން ރުފިޔާއިން މުސާރަ ދޭ ގޮތަށް ބަދަލުކުރަން މަސައްކަތްކުރަމުންދާ އިރު އެމްއޭސީއެލްއިން ވެސް ރުފިޔާއިން މުސާރަދޭން މަސައްކަތް ކުުރަމުންދާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

އެ އަޑުތަކާ ގުޅިގެން އެމްްއޭސީއެލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެފަދަ ކަމަކާ ގުޅޭ ގޮތުން މަޝްވަރާވެސްކޮށްފައި ނުވާ ކަމަށެވެ.

އަދި މިހާރުވެސް މުސާރަ ދެމުން ގެންދާ އުސޫލަށް ކުރިއަށް އޮތް ތަނުގައި ވެސް އެއްވެސް ބަދަލެއް ނުގެންނާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލްއިން ވަނީ ދީފަ އެެވެ.

އެހެންވެ އެއްވެސް ޒިންމާދާރުކަމެއް ނެތި ހަގީގަތެއް ނެތި ވާހަކަ ނުދައްކަން ވެސް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑޮލަރުން މުސާރަ ދެމުންދާ ބައެއް ކުންފުނިތަކާއި ރިސޯޓުތަކުން ވެސް ރުފިޔާއިން މުސާރަ ދޭން ފެށީ ޑޮލަރު މާރުކުރަން ގާނޫނެއް އެކުލަވާލައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ނެވެ.

ޑޮލަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅު ޑޮލަރުގެ އަގު އުޅެނީ ރުފިޔާއިން މަތީގަ އެވެ.