ޒަކިއްޔާއަށް އިންސާފު ހޯދަން ކުރެވެން ހުރި ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި

ނ. ހޮޅުދޫ ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނު މައްސަލާގައި އިންސާފު ހޯދަން ކުރެވެން ހުރި ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.
ރައީސް މި ކަމުގެ ޔަގީންކަން ދެއްވީ، ނ. އަތޮޅުގެ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހޮޅުދޫއަށް ވަޑައިގެނެވެ.
ހޮޅުދޫގައި ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި އެއްވެ ތިބި ރައްޔިތުންތަކާ ބައްދަލުކޮށް، އެ ރަށު ކައުންސިލްގެ ކުރިމަތީގައި ތިބެގެން ރައީސް މުއިއްޒު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު އިރު ކަރުގައި ވަޅި އަޅާފައިވާ، ކައިރީގައި އެ ވަޅި ވެސް އޮތެވެ. އެހެންވެ ރަށުގެ ގިނަ ބަޔަކު ދެކެނީ ޒަކިއްޔާ މަރާލާފައިވާ ކަމަށެވެ. ނަމަވެސް ޒަކިއްޔާއަށް އެހެން މީހެއްގެ ފުށުން އަނިޔާއެއް ލިބުނު ކަމެއް ފާހަގަ ނުވާ ކަމަށް ފުލުހުން ކުރިން ބުންޏެވެ.
