އުއްތަމަ ފަނޑިޔާރުކަމަށް ގަނީ އައްޔަނުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ހެންވޭރު ހޯސްޓްސައިޑް އަބްދުލްގަނީ މުހައްމަދު އައްޔަންކުރައްވައިފި އެވެ.
އެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
ރައީސް، އުއްތަމަ ފަނޑިޔާރުކަމަށް، ގަނީ ހަމަޖެއްސެވީ ގާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުންނެވެ. މި ރަސްމިއްޔާތުގައި ގަނީ މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ. އުއްތަމަ ފަނޑިޔާރުކަމުގެ ހުވައިކުރެއްވުމަށްފަހު ގަނީ ވަނީ ހުވައިގެ އިގްރާރުގައި ސޮއިކުރައްވާފަ އެވެ.
ގަނީ ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވާސިޓީން އެލްއެލްބީ (އޮނާސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި މާސްޓާސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި 2024 ވަނަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިން ފުރިހަމަ ކުރައްވާފަ އެވެ. އަދި ޑރ. އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން އެ މަނިކުފާނު މިހާރު ގެންދަވަނީ ކިޔަވާ ވިދާޅުވަމުންނެވެ.
އެ މަގާމާއި ހަވާލުވެވަޑައިގަތުމާއި ހަމައަށް އޭނާ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގަ އެވެ. މީގެ އިތުރުން އިސްލާމިކް އުނިާސިޓީ އޮފް މޯލްޑިވްސްގެ ސީނިއާ ލެކްޗަރާ ކަމާއި ވިލާ ކޮލެޖާއި ޒިކުރާ ކޮލެޖުގައި އެ މަނިކުފާނު ގެންދެވީ ކިޔަވައިދެއްވަމުންނެވެ.
