"އަސްޙާބުބޭކަލުންނަށް ބަދުބަސްބުނުން، އެމީހެއްގެ އަޤީދާ ފާސިދުކަމުގެ ދަލީލަކަށް ފުދޭ"

އަސްޙާބުބޭކަލުންނަކީ އެންމެ މާތް އަދި އެންމެ ރަނގަޅަށް ދީން ފަހުމްވެވަޑައިގަތް ބޭކަލުންކަމަށާއި، އެބޭކަލުންނަށް ބަދުބަސް ބުނުމަކީ، އެމީހެއްގެ އަޤީދާ ފާސިދުކަމުގެ ދަލީލަކަށްފުދޭ ކަމެެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ، "ސަޙާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާއި އެ ބޭކަލުންގެ މަޤާމު" މި އެވެ.
ހުކުރު ޚުތުބާގައި ވިދާޅުވީ، އަހަރުމެން ވާންޖެހޭނީ ސަޙާބީންނާއި، އަހުލުބައިތުންނަށް މާތްކޮށްހިތައި، އެބޭކަލުންދެކެ ލޯބިވާ، އަދި އެބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކުކަމުގައިކަމަށެވެ.
އަދި އަސްޙާބުބޭކަލުންނަކީ އެންމެ މާތް އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުންކަމަށާއި، އަދި އެ ބޭކަލުންނަކީ، އިސްލާމްދީން އަހަރެމެންނާ ހަމައަށް ފޯރުކޮށްދެއްވި ބޭކަލުންކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، އަސްޙާބުބޭކަލުންނަށް ބަދުބަސް ބުނާ މީހުންނަކީ އެއްވެސް ޤަދަރެއް ނެތް ބަޔެއް ކަމަށެވެ.
"މީހަކު ރަސޫލާގެ އަސްޙާބުބޭކަލެއްގެ ޤަދަރު ކުޑަކުރާ ތަން ދެކެފިނަމަ ފަހެ ދަންނާށެވެ! ހަމަކަށަވަރުން އެއީ ޒިންދީޤެވެ. އެހެނީ ހަމަކަށަވަރުން އަހަރުމެންގެ ގާތުގައި ކީރިތި ރަސޫލާއަކީ ހައްޤު ރަސޫލާއެވެ. އަދި ޤުރުއާނަކީ ހައްޤު ފޮތެވެ. ހަމަކަށަވަރުން ޤުރުއާނާއި ސުންނަތް އަހަރެމެންނަށް ފޯރުކޮށްދެއްވީ ރަސޫލާގެ އަސްޙާބުބޭކަލުންނެވެ. އެ މީހުން އެދެނީ އަހަރެމެންގެ ދީން ގެނެސްދެއްވި ބޭކަލުންގެ ޤަދަރު ކުޑަކޮށް އިތުބާރު ނަގައިލައި، ޤުރުއާނާއި ސުންނަތް ނެތިކޮށްލުމަށެވެ. އެހެންކަމުން ޤަދަރު ނެތް ބަޔަކީ، އެ ބޭކަލުންނަށް ބަދުބަސް ބުނާ މީހުންނެވެ. އަދި އެބައިމީހުންނަކީ ޒިންދީޤުންނެވެ". ޚުތުބާގައި ވިދާޅުވިއެވެ.
ދިވެހި އިސްލާމީ ކިއްލާއަށް އެއްހާސް އަހަރު ފުރެން ކައިރިވެފައިވާއިރު، ދިވެހިރާއްޖެ މުސްލިމް ޤައުމެއްގެ ގޮތުގައި މިހައިހިސާބަށް އައިސްފައި މިއޮތީ ސުންނީ މުސްލިމު ޤައުމެއްްގެ ގޮތުގައެވެ. އަދި ދިވެހީން އަބަދުވެސް މާތް ނަބިއްޔާ މުޙައްމަދުގެފާނަށްފަހު އެންމެ މަތިވެރިކުރާ ބަޔަކީ އެކަލޭނގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ސަޙާބީންކަން މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.
ވޭތުވެދިޔަ ޒަމާންތަކުގައި، މަތިވެރިވެގެންވާ އާލުބައިތުންނާއި، މާތް ސަޙާބީންނާއި، ތާބިޢީންނަށް ބަދުބަސްބުނެ، އިސްލާމީ ތާރީޚުގައި ހިނގައިފައިހުރި ފިތުނަތަކުގެ ވާހަކަތައް ދައްކައި، ފަތުރައި، އެބޭކަލުންނަށް ކުޑައިމީސްކޮށް ހަދައިފައެއްނުވެއެވެ.
ޚުތުބާގައި ވިދާޅުވީ، ސަހާބީންނާއި، އެކަލޭނގެފާނުގެ އާލުބައިތުންނަކީ އަހަރެމެން މަތިވެރިކުރާންޖެހޭނޭ ބަޔެއްކަމަށާއި، އެބޭކަލުންނަށް އިޚްތިރާމުކޮށް އެބޭކަލުންނާއި މެދު އަހަރެމެން ހިތްތައް ސާފުކުރާންޖެހޭނެކަމަށެވެ.
