ބްލޮކް ގްރާންޓުގެ ބޭނުންކޮށްގެން ކައުންސިލްތަކުން ބޭކާރު ދަތުރުކުރާތީ ރައީސް ފާޑުވިދާޅުވެއްޖެ

ބްލޮކް ގްރާންޓުގެ ބޭނުންކޮށްގެން ކައުންސިލްތަކުން ބޭކާރު ދަތުރުކުރާކުރާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ކެންދޫއަށް ވަޑަައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން، ޒިންމާދާރުކަން ކުޑަކޮށް، ބްލޮކް ގްރާންޓްގެ ގޮތުގައިދޭ ފައިސާއާއި، އަދި އާމްދަނީގެ ގޮތުގައި، ހަމަ އެ އޮންނަ އުސޫލުތެރެއިން ހޯދާ ފައިސާވެސް ބޭނުންކުރާގޮތް ފެނިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެކަމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ވެސް އެ މޭރުމުން އަމަލުކުރާތަން ފެންނަމުންދާ ކަމަށެވެ.
"މުޅި ކައުންސިލް އޮތްގޮތަށް ތަޖުރިބާގެ ދަތުރު ކިޔާފައި، އެއްވެސް ރަށެއްގެ ރައްޔިތަކަށް، ނޫނީ އަތޮޅަކަށް ފައިދާނުވާނެ، ފައިދާއެއް ނުހޯދޭނެ ތަންތަނަށް، ގައުމުތަކަށް ބައެއް ކައުންސިލްތަކުން އެބަދޭ، ބްލޮކް ގްރާންޓްގެ ގޮތުގައި މިދޭ ފައިސާ ބޭނުންކޮށްގެން. ނޫނީ އާމްދަނީގެ ގޮތުގައި، ތިޔަ ހޯއްދަވާ ފައިސާ ބޭނުންކޮށްގެން. އެއީ ޒިންމާދާރު ގޮތެއްނޫން." ރައީސް ވިދާޅުވި އެވެ.
ރައީސް އެފަދައިން ވިދާޅުވި އިރު އޮޑިޓް ރިޕޯޓްތަކުގައި ވެސް އެކަން ދަނީ ފާހަގަކުރަމުން ނެވެ.
އެގޮތުން މިދިޔަ އަހަރު އޮޑިޓް އޮފީހުން ނެރުނު ހދ. އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހދ. އަތޮޅު ކައުންސިލުން ތައިލެންޑުގެ ބެންކޮކަށް ދަތުރުކޮށްފައި ވެއެވެ. އެހެން ނަމަވެސް އެ ދަތުރުން ކުރި ފައިދާއެއް ފެންނަން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދެނީ، ގާނޫނަކުން ވެސް ފުރުސަތު ދީގެން އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ރަށުގައި ކުރަން ހުންނަ މުނިސިޕަލް ހިދުމަތްކޮށް އަދި ރަށަށް ބޭނުންވާ ކަންކަމަށް އިންވެސްޓްކޮށް އެކި ކަންކަމަށް އާމްދަނީ ހޯދަމަކީ އޭގެ މަގުސަދުކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
