އާ ޓާމިނަލް އެއާ އެރެބިއާ އިން ބޭނުންކުރަން ފަށައިފި

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުވި ވެލާނާ އިންޓަނޭޝަނަލްގެ އާ ޓާމިނަލް ޔޫއޭއީގެ އެއާލައިންއެއް ކަމަށްވާ އެއާ އެރެބިއާ ބޭނުންކުރަން މިއަދު ފަށައިފި އެވެ.
އެއާ އެރަބިއާ ފްލައިޓް އެއާޕޯޓަށް ޖެއްސުމުން ވޯޓާ ސެލިއުޓެއް އަރުވި އިރު އެ އެއާލައިން އާ ޓާމިނަލް ބޭނުންކުރަން ފެށުން ފާހަގަކުރުމަށް ރިބަން ކެނޑުމުގެ ހަފްލާއެއް ވެސް މިއަދު ބޭއްވި އެވެ.
އެ ހަފްލާގައި އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އިސްވެރިންވެސް ބައިވެރިވެލެއްވި އެވެ.
އާ ޓާމިނަލް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ގައުމީ އެއާލައިން މޯލްޑިވިއަން އެވެ. އަދި އެއަށް ފަހު އެހެން އެއާލައިންތައް ވެސް މަޑުމަޑުން އާ ޓާމިނަލް ބޭނުންކުރަން ފަށާފައިވާ އިރު ހުރިހާ އެއާލައިންތަކެއް އާ ޓާމިނަލްއަށް ބަދަލުކުރަން ފަށަން ވަނީ އަމާޒު ހިފައިފަ އެވެ.
އާ ޓާމިނަލް ހުޅުވި ފަހުން މިދިޔަ މަހުގެ ނިޔަލަށް އެކަނިވެސް 2400 އަށް ވުރެ ގިނަ ފަސެންޖަރުންނަށް ހިދުމަތް ދީފައި ވެއެވެ.
އާ ޓާމިނަލާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު އެމްއޭސީއެލުން ބުނެފައިވެ އެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ. މި ޓާމިނަލަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
