ޚަބަރު

ފްލެޓު ލިބޭ 1202 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ތެރެއިން މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފި އެވެ.

Ads by STELCO

ފްލެޓު ލިބުނު މީހުންގެ އެއްބަސްވުންތަކުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ސޮއިކުރަން ފަށާފައިވާއިރު، އެފްޑީސީން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ މިހާތަނަށް 1202 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އަދި 1530 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތަވާލުކުރެވިފައިވާ ކަމަށްވެސް އެފްޑީސީން ބުންޏެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތްކުރަމުންދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގަ އެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފުލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށެވެ.

މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ.

ފްލެޓް ލިސްޓް މި ސަރުކާރުން މުރާޖާކުރީ އޭސީސީން ދިން އިރުޝާދުތަކަށް ފަހުގަ އެވެ. އެގޮތުން މުރާޖާކުރުމަށް ފަހު ނެރުނު ފްލެޓް ލިސްޓުގައިވާ ގޮތުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1،820 މީހުންނަށް ކަމަށެވެ.

ވެރިފިކޭޝަން މަރުހަލާ ނިމުނުއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 75 ޕޮއިންޓަށް ވުރެން މަތިން ޕޮއިންޓް ލިބިފައި ވަނީ 1،423 ފަރާތަކަށެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 73 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވަނީ 397 ފަރާތަކަށެވެ.

Ads by Ooredoo