ޚަބަރު

ނިލަންދޫއިން ޑްރަގު ނެޓްވޯކެއް އަތުލައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނިލަންދޫއިން ހައްޔަރުކުރި މީހުން--

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފ. ނިލަންދޫގައި ދެ އޮޕަރޭޝަނެއް ހިންގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

Ads by MPL

އެގޮތުން ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކޯޓު އަމުރެއްގެ ދަށުން  އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން، އެ ވަގުތު އެގޭގައި ތިބި ނުވަ މީހަކު ހައްޔަރުކުރި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ އއ. ރަސްދޫ / ދޫގަސް، މުހައްމަދު ވިސާލު (19އ) އާއި، ލ.ގަން، ތުނޑި. ހެދޭކުރި، މުޝްހަފް މުފީދު (22އ) އާއި، ނ. ލަންދޫ / ފިނިވާގެ، އިބްރާހީމް ލޫތު (20އ) އާއި، ތ. ގުރައިދޫ / ފަޒާ، ޢަލީ ނަވާފު (21އ) އާއި، ސ. ހިތަދޫ / ގާފިލާ، އަހުމަދު އަބާން އަލީ (20އ) އާއި، ހދ. ނޮޅިވަރަންފަރު / އަންނާރުގެ، އަބްދުﷲ ލައިޝަމް (20އ) އާއި، ސ. މީދޫ /ޝީން ، އަހުމަދު އުސްމާން (20އ) އާއި، މާލެ / ދަފްތަރު ނަންބަރު ދރ 1438، އިބްރާހީމް ނައްފާޒް (26އ) އެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ދޫކޮށްލައި ވިސާލު (19އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ދެންތިބި ހަތް މީހުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ،

މިދިޔަ ހޮނިހިރު ދުވަހު ނިލަންދޫގައި ކުރިއަށް ގެންދިޔަ އިތުރު އޮޕަރޭޝަނެއްގައި ވަނީ ނިލަންދޫ / ޝަބްނަމުގެ، މުޙައްމަދު މާނިއު (19އ) ވެސް  ހައްޔަރުކޮށްފަ އެވެ.

މާނިއު ހައްޔަރުކުރީ ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނިގެންކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ.

އެ ދެ މައްސަލަ ވެސް ނިލަންދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

Ads by Ooredoo