ޚަބަރު

މާފަރު ފަޅު ފެރިދޫގެ އިހުތިސޯސްގައި ހިމަނަން ރައީސް ވައުދުވެވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ފެރިދޫގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

މާފަރު ފަޅު އއ. ފެރިދޫގެ އިހުތިސޯސްގައި ހިމަނަން ރައީސް ވައުދުވެވަޑައިގެންފި އެވެ.

ރައީސް އެފަދައިން ވައުދުވެވަޑައިގެންނެވީ އއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު ފެރިދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ފެރިދޫގައި ދޯނި އެހެލާ ސަރަހައްދަކާއި އެ ރަށަށް ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް މިއަދު ސޮއިކުރި މަޝްރޫއަށް އިޝާރާތްކުރައްވައި ރައީސް މިއަދު ވިދާޅުވީ އެ ޕިކްނިކް އައިލެންޑް ތަރައްގީ ކުރާނީ، މާފަރު ފަޅުގައި ކަމަށެވެ.

އަދި ފަތުރުވެރިކަމަށް ބަރޯސާވާ ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި އެ ރަށަށް އާމްދަނީ ހޯދޭނެ ވަސީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅުގައި ފެރިދޫގައި މިއަދު ވަނީ އެ ތަރައްގީއަށް އިތުރު ދެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.

އެއީ ފެރިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، އއ އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމެވެ.

އަތޮޅު މަދަރުސާގެ މަޝްރޫއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ސްކޫލަށް ބޭނުންވާ ބިނާރާއި އިންސާނީ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް، ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، އެ ކަންކަން ޙައްލުކޮށްދެއްވާނޭ ކަމަށެވެ. އެ ގޮތުން ސްކޫލަށް ބޭނުންވާ ބިނާރު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް، ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނޭކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

ފެރިދޫއަކީ އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަމަށް ވުމާއެކު، ސިއްހީ މަރުކަޒުގެ ބިނާރާއި އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރެއްވުމަށް ވެސް ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށާއި، ނެރުގެ މައްސަލައަށްވެސް މި އަހަރު ޙައްލެއް ހޯއްދަވައިދެއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑު ނިންމުމާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ ފެރިދޫގެ ފެނާއި ނަރުދަމާގެ ހިދުމަތްވެސް އިފްތިތާހު ކޮށްދެއްވާފަ އެވެ.

Ads by HDC