"އޮޅު ހިޔާ" ކްލިނިކް ރަޖިސްޓްރީކޮށް ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

ލެ ސަރަހައްދުގައި ވީއްލިގެން އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ތަރައްޤީކުރި އޮޅުހިޔާގައި ޤާއިމްކޮށްފައިވާ ކްލިނިކް ރަޖިސްޓްރީކޮށް ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެވެ.
މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ގާއިމްކުރި އޮޅުހިޔާ ހުޅުއްވައި ދެއްވީ މިދިޔަ ނޮވެންބަރުމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިތަން ހުޅުވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.
ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ އޮޅުހިޔާގެ ހިންގުން ހަރުދަނާކޮށް އެތަނުން ބުޅާތަކަށް ލިބެންޖެހޭ އެންމެހާ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި މަސައްކަތުގެ ދަށުން އޮޅުހިޔާގެ ކްލިނިކް ބަޔަށް ބޭނުންވާ ބޭހާއި އެހެނިހެން އާލާތްތައް މިހާރުވަނީ ހޯދާފައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކްލިނިކް ރަޖިސްޓްރީކޮށް އެމް.އެފް.ޑީ.އޭ އިން ކޮންޓްރޯލްޑް ޑްރަގްސްގެ ހުއްދަ ނަގާ، ސާޖަރީ ކުރުމަށް ބޭނުންވާ ހޭނައްތާ ބޭސްތައް މިހާރުވަނީ ހޯދާފައިވާކަމަށް ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އޮޅުހިޔާގެ ޝެލްޓަރ ބައި އެ ވުޒާރާއާއި ގުޅިގެން ހިންގުމަށް ބަޔަކު ހޯދުމަށްވެސް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން އެ މަސައްކަތްކުރުމަށް 2 ފަރާތަކުން ކުރިމަތިލާފައިވާކަމަށާއި އަދި ބިޑް އެސެސްމެންޓުގެ މަރުހަލާނިމި މިހާރު ބިޑް އެވޯޑުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މިހާރު ވަނީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް ފަށާފައެވެ. އަދި އެއްފަހަރާއި 100 ބުޅާ ކަރަންޓީނު ކުރެވެނޭ ޖާގަވެސް ވަނީ އިތުރުކޮށްފައެވެ.
އޮޅު ހިޔާއަކީ މަގުމަތީގައި ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ. މިއާއެކު ބުޅަލުގެ ސަބަބުން ރަށުތެރެއާއި މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، އޯގާތެރިކަމާއި އަޅާލުމާއެކު ބުޅާތައް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
