ޚަބަރު

ފްލެޓް ލިބޭ 1،800 ފަރާތަކާއެކު އެއްބަސްވުން ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެންބީސީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ސޯޝަލް ހައުސިންގް ފްލެޓުތައް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 1،800 އަށް ވުރެ ގިނަ މީހުންނާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އެއްބަސްވުން ހަދައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ، އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ތާވަލުކޮށްފައި ވަނީ 2،774 މީހުންނާއެކުގައި ކަމަށާއި އޭގެތެރެއިން 1،826 މީހުންނާއެކު ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފަށައިފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގަ އެވެ.

އެފްޑީސީން ފުލެޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހު އެވެ. އެގޮތުން، ފުލެޓުތައް ހަވާލުކުރާ އިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހައި، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ އެފްޑީސީން ބުނެ އެވެ.

މި 4،000 ފްލެޓުތަކުގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ.

މި މަޝްރޫޢުގައި 16 ޓަވަރު ހިމެނޭ އިރު އެ މަޝްރޫއުގެ 96 ޕަސެންޓް މިހާރު އޮތީ ނިމިފަ އެވެ.