ކާޑެއްދޫ ނަގަން ވިލާއަށް ސަރުކާރުން 18 މިލިއަން ޑޮލަރު ދޭން މަޝްވަރާކުރަނީ

ގދ. ކާޑެއްދޫ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ވިލާ ކުންފުނީގެ އަތުން ސަރުކާރަށް ނެގުމަށް ޓަކައި ވިލާއިން އެ އެއާޕޯޓަށް ކުރި ހަރަދުތަކުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދޭން މަޝްވަރާކުރަމުންދާ ކަން އެނގިއްޖެ އެވެ.
އެއީ ރައީސް އޮފީހުން ވިލާއަށް ފޮނުވާފައިވާ ސިޓީއެއް، ވިލާ ގްރޫޕްގެ ކުންފުނިތަކުގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެކްސްގައި ޕޯސްޓްކުރައްވައިފަ އެވެ.
އެ ސިޓީގައި ބުނާ ގޮތުން ސަރުކާރުން ދެ ގޮތަކަށް ކުރިއަށް ދާން ހުށަހަޅާފައިވެ އެވެ؛
- އެއް ގޮތަކީ 18 މިލިއަން އެމެރިކާ ޑޮލަރު 18 މަސް ދުވަހަށް ބަހާލައިގެން ދެއްކުން
- އަނެއް ގޮތަކީ ވިލާ ގްރޫޕްގެ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އިން 18 މަސް ދުވަހަށް ބަހާލެވޭ ގޮތަށް އެޖަސްޓްމަންޓެއް ހަމަޖެއްސުން
މި ސިޓީ ގާސިމް މި އާންމުކުރެއްވީ، ބަތަލެއްގެ ގޮތުގައި 30 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ގާސިމަށް ސަރުކާރުން ދޭން އެއްބަސްވެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމްގެ ވިލާއިން ބުނާ ގޮތުގައި އެއާޕޯޓަށް އެ ކުންފުނިން 100 މިލިއަން ޑޮލަރު ވަނީ ހަރަދު ކޮށްފަ އެވެ. ނަމަވެސް ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރު ދޭން އެ ކުންފުނިން އެއްބަސްވާ ކަން އެ ސިޓީން އެނގެ އެވެ.
