ޤައުމީ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަން ސާބިތުކޮށްދޭ ދުވަހެއް: އާދަމް ނަސީރު

ޤައުމީ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަން ސާބިތުކޮށްދޭ ދުވަހެއް ކަމުގައި ދިވެހިބަހާއި ތަރިކައާ ސަޤާފަތާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. އާދަމް ނަސީރު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ދުވަހަކީ ޤައުމެއްގެ ތާރީޚުގައި އަންނަ އެންމެ މުހިންމު އަދި ޚާއްސަ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. މިއީ ރާއްޖެ ދެކުނު ނުހަނު ނާމާން ދުވަސްތަކަކަށްފަހު، ރާއްޖެއަށް އަމާންކަން ލިބުނު ދުވަހުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަޒީރު ވިދާޅުވީ ޤައުމީ ދުވަހުގެ މުޅި ޖިހާދުން ފެންނަނީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ކަމުގައެވެ.
"ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނައިދެނީ އެ ދުވަހަކީ އުއްމީދުގެ ދުވަހެއްކަން. ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނައިދެނީ އެއީ މާޔޫސްކަމާ ދުރަށްދާންޖެހޭ ދުވަހެއްކަން،" ވަޒީރު ވިދާޅުވިއެވެ. އަދި ޤައުމީ ދުވަހުން ލިބިދޭ މުހިންމު ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ޤައުމީ ކަންކަމަށް ދެއްވާ ޚާއްސަ އިސްކަމެއްގެ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މި މަސައްކަތް ކުރައްވަނީ ރާއްޖެއަކީ މިނިވަންކަން މަތީގައި ދެމިއޮންނަ ދައުލަތެއްގެ ގޮތުގައި އަބަދުވެސް ބޭއްވުމަށް ކަމަށެވެ. މި މަގުން ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ޝުކުރު އަދާކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤައުމީ ދުވަހުގެ ޖިހާދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިއީ ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. ނަސްރުގެ ދުވަހުންވެސް މިފަދަ މުހިންމު ފިލާވަޅުތައް ލިބިގެންދާނެ ކަމަށާއި، މި ޙާދިސާތަކުގައި ގުޅުންހުރި ކަންކަން ފާހަގަވާނެ ކަމަށް ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވިއެވެ.