ޚަބަރު

ނޫސްވެރިން އުލު ބައިދަން ޖެހޭކަމަށް ފަލާހު ވިދާޅުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު

ނޫސްވެރިން އުލު ބައިދަން ޖެހޭކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވި މައްސަލަ މިއަދު ފުލުހަށް ހުށަހަޅައިފި އެވެ.

ފަލާހު އެފަދައިން ވިދާޅުވީ މީޑިއާތަކުގެ މައްސަލަ ބަލަން އާ ކޮމިޝަންއެއް ހަދައި މީޑީއާ ރެގިއުލޭޓްކުރުން އިތުރަށް ވަރުގަދަކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އުޅޭ ބިލާ ގުޅޭ ގޮތުން އިއްޔެ  މަޖިލީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެެވެ.

އެގޮތުން ނޫސްވެރިން ޖަލަށް ލުމުގެ ބަދަލުގައި ނޫސްވެރިންނަށް ދޭންވީ އަދަބަކީ ކުރީގެ ޒަމާންތަކުގައި ދެމުން އައި ވަރަށް އަނިޔާވެރި އަދަބެއް ކަމަށްވާ އުލު ބޭންދުން ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހުގެ ވާހަކަތައް ކުށްވެރިކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއިން މިއަދު ފުލުހުންގެ ހިދުމަތް ހުށަހެޅި ސިޓީގައި ބުނީ ފަލާހު ދެއްކެވި ވާހަކަތަކަކީ އިސްލާމް ދީނާ ވެސް ހިލާފު ވާހަކައެއް ކަމަށާއި އެފަދަ ގޮތަކަށް އަނިޔާވެރިވުމަށް ގޮވާލުމަކީ ނޫސްވެރިން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައި މުޖުތަމައުގެ އަމާންކަން ގެއްލުވާލައި ހަމަނުޖެހުމުގެ ތެރެއަށް ގައުމު ވެއްޓިގެންދާނެ ފަދަ ވާހަކަތަކެއް ކަމަށެވެ.

އެހެންވެ ފަލާހު ދެއްކެވި ވާހަކަތައް ތަހުގީގުކޮށް އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެމްޖޭއޭގެ ސިޓީގައި އެދިފައި ވެއެވެ.

އެ ސިޓީއާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

Ads by HDC