ހުއްދަ ނެތި ކިހާދުއްފަރު ރިސޯޓް ހިންގާތީ ފިޔަވަޅު އަޅަނީ

ހުއްދަ ނެތި ބ. ކިހާދުއްފަރު ރިސޯޓް ހިންގާތީ ފިޔަވަޅު އަޅަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކިހާދުއްފަރު ހިންގާ ރަށުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރަން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް ކުއްޔަށް ދަނީ އެ މިނިސްޓްރީ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
އެހެން ނަމަވެސް ރާއްޖޭގެ ޓޫރިޒަމްއާ ބެހޭ ގާނޫނާއި އަދި އެ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ރިސޯޓު ނުހިންގާތީ ތަކުރާރުކޮށް އެކަން ރަނގަޅުކުރަން ފުރުސަތު ދިން ކަމަށެވެ.
އަދި ވަކި ޝަރުޠުތަކެއްގެ މަތިން އެންމެ ފަހުން ރިޒޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސުގެ މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރަށް އޮތީ ހަމަވެސް ވެފައި ކަމަށާއި އޭގެ ފަހުން ރިސޯޓު ހިންގަން އިތުރު އޮޕަރޭޓިން ލައިސެންސްއެއް ނުދޭކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރިޒޯޓު އޮޕަރޭޓިންގ ލައިސަންސް ނެތި ޓޫރިސްޓް ރިޒޯޓު ހިންގުމަކީ ޤާނޫނާ ހިލާފުކަމެއް ކަމަށްވާތީއާއި އަދި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ފަތުރުވެރިން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކުންފުނި ޖޫރިމަނާ ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެ ރިސޯޓު ހިންގުމުގައި އަތަމާ ކުންފުނިން ތަކުރާރުކޮށް ހިލާފުވެ އަދި ގާނޫނާ ހިލާފަށް އެރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދެމުން ގެންދާތީ ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފިޔަވަޅުތައް އަޅަމުންދާކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން، ކިހާ މޯލްޑިވްސް ރިޒޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
