ޚަބަރު

އަންނަ މަހު މެދުތެރެއިން ކާބޯތަކެތީގެ އަގުހެޔޮވާނެ: މިނިސްޓަރު ސައީދު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕްރެސްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

އަންނަ މަހު މެދުތެރެއިން ފެށިގެން ކާބޯތަކެތީގެ އަގުހެޔޮވާނެކަމަށް އިކޮނޮމިކް  މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އާންމުކޮށް ރާއްޖެ އެތެރެކުރާ މޭވާއާއި ތަރުކާރީ އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެކުރަން ފަށަން ސަރުކާރުން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ އިއްޔެ އެވެ. އެގޮޮތުން ދިވެހީން އާންމުކޮށް ބޭނުންކުރާ 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީ އެސްޓީއޯއިން އެތެރެކޮށް ވިއްކަން ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިހާރުވެސް ޒަރޫރީ ބޭނުމަށް އެސްޓީއޯއިން ފުށާއި ހަނޑުލާއި އަދި ހަކުރު އެތެރެކުރަމުންދާ އިރު އިއްޔެ ސަރުކާރުން ނިންމި ނިންމުމާއެކު އެސްޓީއޯ މެދުވެރިކޮށް އާންމުންގެ ޒަރޫރީ ބޭނުންތަކަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދު 23އަށް ދެން އަރާނެ އެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން އޭގެ ތަފްސީލު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނިމިކް މިނިސްޓަރު ސައީދު ވިދާޅުވީ އެސްޓީއޯއިން އެތެރެކުރަން ފަށާ 23 ބާވަތް އަންނަ މަހު 15އިން ފެށިގެން އަގުހެޔޮކޮށް ލިބެން ޖެހޭކަން އެ ކުންފުނިން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެސްޓީއޯއިން އެތެރެކުރާ 10 ބާވަތުގެ ތަރުކާރީއާއި 10 ބާވަތުގެ މޭވާގެ ލިސްޓު އެކުލަވަވާލާނީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައި ހުރި މޭވާއާއި ތަރުކާރީއަށް ބެލުމަށް ފަހު ކަމަށެވެ. އަދި ހަމައެހެންމެ ގޭބިސީތަކުގެ އާމްދަނީއަށް ވެސް އެކަމުގައި ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާންމުކޮށް ބޭނުންކުރާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ރާއްޖެ އެތެރެކުރަން އެސްޓީއޯއިން ނިންމިއިރު އާފަލާއި އޮރެންޖުގެ އަގު އަތްނުފޯރާހާ މައްޗަށް އަރައި ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ.

Ads by Allied Insurance