ސްކޭމްގެ މައްސަލަތަކާ ގުޅިގެން ޖަލު ފާސްކޮށް 33 ފޯނު އަތުލައިގެންފި

ސްކޭމްގެ މައްސަލަތަކާ ގުޅިގެން ޖަލު ފާސްކޮށް 33 ފޯނު އަތުލައިގެންފި އެވެ.
ފުލުހުންގެ ހިދުމަތުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ ހިދުމަތަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަހުގީގު ތަކުން އެފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގައި އެތަން ބަލާ ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސްކޭމް މަދުކުރުމަށްޓަކައި ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރއިން އެފަދަ އިތުރު އޮޕަރޭޝަންތައް ކަރެކްޝަންސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ސްކޭމްތައް ޖަލުން ހިންގާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ. އަދި ޖަލުން ކުރާ ކޯލްތައް ހުއްޓުވަން ހާއްސަ ވަސީލަތްތައް ބޭނުންކުރާނެ ކަމަށް ވެސް އިހުސާން ވިދާޅުވެފައި ވެއެވެ.
