ޚަބަރު

އިންޑިއާ ރާއްޖޭގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން އިންދީ 60 ގަސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިންޑިއާ ރާއްޖޭގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން ގަސް އިންދުމަށް ބޭއްވި ހަފްލާގެ ތެރެއިން--

ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއްގެ ދަށުން 60 ގަސް އިންދައިފިއެވެ.

Ads by MPL

ހުޅުމާލޭގެ މުހިންމު ސަރަހައްދެއްގައި މިއަދު ބޭއްވި އެ ހަރަކާތުގައި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގީތު ބާލަސުބްރަމާނިއަމް އާއި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުންތަކަށް އަލިކަމެއް ގެނެސްދީ ކުރިމަގަށްޓަކައި ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށެވެ.

މިއަދުގެ ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމު ގުޅިގެން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްކުރުމަށް އިތުރަށް ހިތްވަރުދޭނޭ ހަރަކާތެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ރާއްޖެއާއި އިންޑިއާއަކީ އެތައް އަހަރުތަކެއް ވަންދެން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. ސިޔާސީ، އިގިތިސާދީ އަދި ސަގާފީ ގޮތުންވެސް ދެ ގައުމުގެ ގުޅުން ދަނީ ދުވަހުން ދުވަހަށް ވަރުގަދަވަމުންނެވެ. ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ގޮތަކަށް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މިފަދަ ހަރަކާތްތަކަކީ މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށް މިނިސްޓްރީން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!