އަގުހެޔޮކޮށް ކަރަންޓުގެ ހިދުމަތްދޭން މަޝްވަރާތަކެއްކޮށްފި

އަގުހެޔޮކޮށް ކަރަންޓުގެ ހިދުމަތްދިނުމާ ގުޅޭ ގޮތުން ސްޓެލްކޯއާއި ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު މިއަދު މަޝްވަރާތަކެއްކޮށްފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދުއާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅުކޮށް ގައުމީ ވިއުގައަށް އިއާދަކުރަނިވި ހަކަތަ އިތުރަށް ތައާރަފުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.
އަދި އޭގެ އިތުރުން، ދެމެހެއްޓެނިވި އަދި އަގުހެޔޮ ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނު ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅުކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. އަދި އެކަމަށްޓަކައި ސްޓެލްކޯއާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯގެ އެމްޑީ އަޙްމަދު ޝަމާހު ރަޝީދު ވިދާޅުވީ، ރާއްޖޭގެ ކަރަންޓުގެ ވިއުގަ ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ސްޓެލްކޯއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިނިސްޓިސްޓްރީގެ އެހީތެރިކަމާއެކު އެ މަސައްކަތްތައް އިތުރަށް ހަލުވިކުރެވޭނެ ކަމުގެ އުންމީދު އޭނާ ފާޅުކުރެއްވިއެވެ.
