ރައީސް މުޢިއްޒަކީ އިންތިޚާބުތަކަށް ކަޑަޖައްސަވަން ވަޑައިގަންނަވާ ބޭފުޅެއްނޫންކަން ވަރަށް ސާފު: ޝިޔާމް

ރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ޚިލާފަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒަކީ ހަމައެކަނި އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއްނޫންކަން ވަރަށް ސާފު ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ހަތަރު އަތޮޅަކަށް މިއަދު ފެށްޓެވި ކުރައްވާ ދަތުރުފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ މަލްޓި-ޕާޓީ ޑިމޮކްރަސީއެއްގައި، ރަށްރަށުގެ ތަރައްގީއަށްޓަކައި ރައީސް ކުރައްވަމުން ގެންދަވަނީ އިޚްލާސްތެރި މަސައްކަތްޕުޅުތަކެއް ކަމަށް އެމަނިކުފާނާ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބޭފުޅުން ވެސް މިއަދު ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނާ ގާތަށް ވަޑައިގެން އެމަނިކުފާނު އެ ގެންދަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އެ ރައްޔިތުންގެ ކިބައިން އައްސަވައި ސާފުކުރައްވަމުން ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
އަދި އެކަންކަން، ހަމަ އެ ރައްޔިތުން ބޭނުންވާ ގޮތަށް ފުރިހަމަކުރުމަށް (އެމަނިކުފާނު ގެންދަވަނީ) އިޖާބަދެއްވަމުން. މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަކީ އިންތިޚާބުތަކަށް ކަޑަ ޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް ރައީސް ޑރ. މުޢިއްޒަކީ ހަމައެކަނި އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއްނޫންކަން ވަރަށް ސާފު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ހަތަރު އަތޮޅެއްގެ 31 ރަށަކަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވ.ފުލިދުއަށް ވަޑައިގެން އެމަނިކުފާނު ވަނީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާއި، ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ވެސް ފަށްޓަވައި ދެއްވައިފައެވެ.
މީގެއިތުރުން ރައީސް ޑރ. މުޢިއްޒު، އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ، އެ ރަށު ވޮލީ ކޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި، ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައެވެ.
