ޚަބަރު

އެސްޓީއޯއިން މިރުސް ބާޒާރަަށް ނެރޭނީ ކަނޑޫދޫގެ ދަނޑުވެރިންނަށް ގެއްލުން ނުވާގޮތަށް: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އެސްޓީއޯ މެދުވެރިކޮށް ބާޒާރަށް މިރުސް ނެރުނަސް އެކަންކުރާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ މޭވާއާއި ތަރުކާރީ އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް ރާއްޖެ ގެންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މިރުސްވެސް ހިމެނެ އެވެ.

ރައީސް މުއިއްޒު ހަތަރު އަތޮޅަަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަނޑޫދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު މިއަދު ވަނީ ކަނޑޫދޫއަކީ ރާއްޖޭގެ ދަނދުވެރިކަމުގައި މިރުސް ހެއްދުމަށް މުހިއްމު ރަށެއްކަން ފާހަގަކުރައްވައިފަ އެވެ.

އަދި ކަނޑޫދޫ ވިޔަފާރިވެރިން މިރުސް ވިއްކާ އަގުގައި ގަނެގެން، އެ ފައިދާ ރައްޔިތުންނަށް ލިބޭ ގޮތަށް އެސްޓީއޯއިން އެކަން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ކަނޑޫދޫގެ ދަނޑުވެރިންނަށް ލިބޭފައިދާ އިތުރުކޮށްދިނުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ހަރަދު ކުޑަގޮތެއްގައި ކަނޑޫދޫގައި މިރުސްހެއްދުމަށް މިހާރުހުރި ދަތިތައް ކުޑަކޮށްދެއްވުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޓީމެއް ކަނޑޫދޫއަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށެވެ.

ކަނޑޫދޫގެ ތަރައްގީގެ މަޝްރޫއުތައް މިހާރު ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު، ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް ސަރުކާރުން މަސައްކަތް ރާވާފައިވާ ގޮތް ރައީސް ވިދާޅުވެދެއްވި އެވެ. އަދި އެ މަސައްކަތް ލަސްވަމުންދާ ސަބަބު ސާފުކޮށްދެއްވި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައްވައިގެން ނުވަތަ އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދެވުމާމެދު ސަރުކާރުން ވަރަށް އަވަހަށް ގޮތެއްނިންމަވާނެކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!