ޚަބަރު

މީޑިއާ ކޮމިޝަންގެ އިންތިހާބަށް ކުރިމަތިލީ ހަ މީހަކު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގައި މީޑިއާ ކޮމިޝަންގެ ގާނޫނާ ދެކޮޅަށް ނޫސްވެރިން ހިޔާލުފާޅުކުރަނީ - ފޮޓޯ: މަޖިލީސް

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި މީޑިއާތައް ތަމްސީލްކުރާ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތިލީ ހަ މީހަކު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.

Ads by STELCO

މީޑިއާތަކުން ކޮމިޝަނަށް އިންތިހާބުކުރަނީ ބްރޯޑްކާސްޓިން މީޑިއާތައް ތަމްސީލްކުރާ ދެ މެންބަރަކާއި އެހެނިހެން މީޑިއާތައް ތަމްސީލްކުރާ ދެ މެންބަރެކެވެ.

އީސީން ބުނި ގޮތުގައި ބްރޯޑްކާސްޓިން މީޑިއާ ތަމްސީލްކުރާ ދެ މެންބަރުންގެ މަގާމަށް ހަތަރު މީހަކު ކުރިމަތިލި ކަމަށެވެ. ނަމަވެސް އެެއް ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމުން އެ ދެ މަގާމަށް ތިން މީހަކު ވާދަކުރާނެ އެވެ.

އެހެނިހެން މީޑިއާތައް ތަމްސީލްކުރާ ދެ މެންބަރުންގެ މަގާމަށް ދެ މީހަކު ކުރިމަތިލި ނަމަވެސް އެކަކުގެ ކެންޑިޑެސީ ބާތިލްކުރި ކަމަށް އީސީން ބުންޏެވެ. ނަމަވެސް ބާތިލްކުރި ސަބަބެއް ނުބުނެ އެވެ.

އަދި ބާކީވާ މަގާމަށް މީހެއްގެ ނަން ނެތުމުން އަލުން ހުޅުވާލާނެ އިރެއް ވެސް އީސީން ނުބުނެ އެވެ.

މި ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން މީޑީއާތަކުން އިންތިހާބުކުރާ އިރު ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ކޮމިޝަނުގެ ރައީސް ވެސް ކަނޑައަޅަނީ މަޖިލީހުންނެވެ.

ކޮމިޝަނުގެ މެންބަރުން ވަކިކުރުގެ ބާރު ވެސް މަޖިލީހަށް ލިބޭތީ، މިއީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ހަދާ ކޮމިޝަނެއް ކަމަށް ބުނެ ނޫސްވެރިން އެކި ފަހަރު މަތިން މުޒާހަރާކޮށްފައިވެ އެވެ. އަދި މި ކޮމިޝަންގެ ގާނޫނު އުވާލުމަށް ސަރުކާރަށް ރާއްޖެއާއި ބޭރުގެ ޖަމިއްޔާޖަމާއަތްތަކުން އަންނަނީ ގޮވާލަމުންނެވެ.

 

Ads by Ooredoo