ރަސްމާލެ ޕްރޮޖެކްޓަށް ކޮންސަލްޓެންޓަކު ހޯދަނީ

ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައި އޮތް ރަސްމާލެ ޕްރޮޖެކްޓަށް ކޮންސަލްޓެންޓަކު ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކޮންސަލްޓެންޓަކު ބޭނުން ވަނީ ރަސްމާލެ މާސްޓަޕްލޭނަށް ކަމަށެވެ. އެހެންވެ މި މަޝްރޫއު އަށް ކޮންސަލްޓަންސީ ދޭނެ ކުންފުންޏެއް ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުހެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރަސްމާލެ މާސްޓަޕްލޭނަށް ކޮންސަލްޓަންސީ ފާމެއް ހޮވާނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެެއިިިން ފެންވަރާއި އަގަށް ބެލުމަށް ފަހު ކަމަށެވެ.
ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށީ ޑިސެމްބަރު 18، 2023 ގަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އެތަނުން ހިއްކާ ބިމުން 11،000 ގޯއްޗާއި، 26،000 އަށް ވުރެ ގިނަ ފްލެޓް ދޫކުރާނެ އެވެ.
ނަމަވެސް ރަސްމާލެ މަޝްރޫއު ހިއްކުމުގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
މަޝްރޫއަށް ބިން ހިއްކަން ފެށި އިރު ސަރުކާރުން ބުނެފައި އޮތީ 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކައި ނިންމައިލެވޭނެ ކަމަށެވެ.
ރަސްމާލެ އަލީ ފެހިކަން ގަދަ ހިތްގައިމު މާހައުލެއްގެ ކޮންސެޕްޓަށް ތަރައްގީ ކުރަން ސަރުކާރުން އަމާޒު ހިފާފައި އޮތް މަޝްރޫއެކެވެ. އަދި އެތަން ވެގެންދާނީ ޒީރޯ ކާބަން ތަނަކަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
