ޚަބަރު

ގައުމީ ޑްރަގް ޕޮލިސީ އަންނަ މަހަށް ނިމޭނެ: އިހްސާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގައުމީ ޑްރަގް ޕޮލިސީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ގުޅުން ހުރި ގައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު އެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް ލިއުމުން މަޖިލީހުގެ މިއަދުހެ ޖަލްސާ އަށް ފޮނުއްވި ޖަވާބުގަ އެވެ.

އިހުސާން ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުންހުރި ޤައުމީ ސިޔާސަތު އެކުލަވާލުމަށް އެކުވެރި ދައުލަތް، އދ. އާއެކު މަސައްކަތް ކުރެވި އިނީޝިއަލް ޑްރާފްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެކަމަކޔ ލި ޑްރާފްޓަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެކަނި ބަލައިގެން އެކުލަވާލާފައިވާ ޑްރާފްޓެއް ކަމަށް ވިދާޅުވި އެވެ.

އެހެންވެ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރާއި ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކަށް ރިޢާޔަތްކޮށް އެ ޑްރާފްޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު އެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސްޓޭޝަންތަކުން އެކަމަށް ބޭނުންވާ މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް އަންނަ މަހުގެ 30 ގެ ކުރިން ނިންމުމަށް ކަމަށެވެ.

ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި، އެކަމުގެ ހާލަތު ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ހެދުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު ސަރުކާރުން ވަނީ ފަށައިފަ އެވެ. މިއީ އެ ވަބާގެ ހާލަތު ދެނެގަތުމުގައި، ފަރުވާގެ ނިޒާމު ބައްޓަށް ކުރަންވީ ގޮތް ދެނެގަތުމުގައި މަޢުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސްޓަޑީއެކެވެ.

Ads by Ooredoo