ޚަބަރު

މަސައްކަތް ނުކުރާތީ ފެންފުށީގެ ނަރުދަމާގެ ކޮންޓްރެކްޓް ބާތިލުކޮށް އެހެން ބަޔަކާ ހަވާލުކުރާނަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ފެންފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭްއްވި ހަފްލާގެ ތެރެއިން--

އދ، ފެންފުށީގެ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައި އޮތް ކުންފުނިން މަސައްކަތް ކުރިއަށް ނުގެންދާތީ އެ ކުންފުންޏާއެކު ވެފައިވާ ކޮންޓްރެކްޓް އެއްބަސްވުން ބާތިލުކޮށް  އެހެން ބަޔަކާ މަސައްކަތް ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

ފެންފުށީގެ ނަރުދަމާގެ މަސައްކަތް އަޒުރޯވާ ކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. ނަމަވެސް 10 ވަރަަކަށް އަހަރުވާން ކައިރިވި އިރުވެސް އެ މަސައްކަތް އެއްކޮށެއް ނުނިމެ އެވެ، އެ މަސައްކަތުގެ 60 ޕަސެންޓް ނިމި މަސައްކަތް ކުރިއަށް ނުދާތާވެސް އެތަކެއް ދުވަހެއް ވަނީ ވެފަ އެވެ.

ރައީސް މުއިއްޒު އދ. އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފެންފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވެސް ވަނީ އެ ރަށުގައި އެންމެ ދަތިވާ އެއް މައްސަލައަކީ ނަރުދަމާގެ މައްސަލަކަން ފާހަގަކުރައްްވައިފަ އެވެ.

ރައީސް ވިދާޅުވީ އެހެން ރަށްރަށުގައި ވެސް ނަރުދަމާގެ މަސައްކަތް ކުރަން އަޒުރޯވާ ކުންފުންޏާ ހަވާލުކުރުމުން ވެސް މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

"މި ރަށް ގޮތަށް ހަމަ އެ ކުންފުންޏާ އެހެން ރަަށްތައް ވެސް ހަވާލުކޮށްފައި އެބަހުރި. އެއްވެސް ރަށެއް ނުހިނގަނީ ރަނގަޅަށް. ހުއްޓިފައި، ސަރުކާރުން ޕޭމަންޓްގެ އިޝޫއެއްވެސް ވެސް ނެތް. ދޭން ޖެހޭ ކޮށްފައި އޮތް މަސައްކަތަށް ވެއްޖެއްޔާ ހުރިހާ ފައިސާއެއް ދީފައި.  ދެން އެއްވެސް ރަށެއްގައި މަސައްކަތް ނުހިނގުމަކީ ސަރުކާރުން ހަމަ މިނިސްޓްރީގެ ހައިސިއްޔަތުންވެސް ހަމަ ވަރަށް ބޮޑަށް ބާރު އަޅައިގެން ވެސް ނުވެގެން އުޅޭ ކަމެއް" ރައީސް ވިދާޅުވި އެވެ.

އެހެންވެ މިހާރު ނިންމާފައި އޮތީ އެ ކުންފުންޏާއެކު ވެފައިވާ ކޮންޓްރެކްޓް އެއްބަސްވުން ބާތިލުކޮށް އެހެން ކުންފުންޏަކާ ހަވާލުކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ވަރަށް ލަސްވާކަމެއް. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިޔާއަތްކުރާނަން،". ރައީސް ވިދާޅުވިއެވެ.