ޚަބަރު

އެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ އުސޫލަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ ޝަރީޢާ ހުއްދަކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިގޮތުން އެންމެ ފުރަތަމަ އެސްޑީއެފްސީ އިން ބޭނުން ކުރަމުންދާނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ ޑިމިނިޝިންގ މުޝާރަކާ ކޮންޓްރެކްޓެވެ. އަދި އިންތިޒާމުތައް ހަމަޖެހެމުންދާވަރަކުން ކުރިއަށް އޮތްތާގައި، ވަކާލާ ބިލް އިސްތިޘްމާރު އަދި ތަވައްރުޤު ފަދަ އިސްލާމިކް ބޭންކިންގެ ކޮންޓްރެކްޓްތަކުގެ އެހީގައި މި ބަދަލުތައް ގެނައުން އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޝަރީއާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑިއަރީއެއްގެ ގޮތުގައި އެސްޑީއެފްސީން އައު ބާބެއް ފަށާއިރު، މި ބަދަލަކީ ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އައު އީޖާދީ ހައްލުތައް ހޯދައިދިނުމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެސްޑީއެފްސީއިން ވިދާޅުވެއެވެ.

އެސްޑީއެފްސީއިން ވިދާޅުވީ މި ބަދަލުގެ މުހިންމު ބައެއްގެ ގޮތުގައި، އެސްޑީއެފްސީ އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ފެސިލިޓީތައް، ޝަރީޢާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފެށޭނެކަމަށެވެ. މީގެތެރޭގައި ހާއްސަ އިސްކަމެއް ދީގެން، ކުރިން ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ، ދޫކޮށްފައިވާ ލޯނުތަކަށް ފައިސާދެއްކުން ދަތިވެފައިވާ ފަރާތްތަކަށް ހައްލު ހޯދައިދިނުން ހިމެނެއެވެ. މިގޮތުން އިސްލާމިކް ރިފައިނޭންސިންގ އުސޫލުތަކުގެ ތެރެއިން ފައިސާ ޚަލާސްކުރަން އޮންނަ މުއްދަތު އިތުރުކޮށްދިނުން ފަދަ ލުއިތައް ހޯދައިދިނުން ހިމެނެއެވެ. މިބަދަލާއެކު، ޝަރީޢާ ހުއްދަކުރާ އުޞޫލުތަކުގެ ތެރެއިން، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފެސިލިޓީތައް ރެގިއުލަރައިޒް ކުރުމުގެ މަގުފަހިވެގެންދާނެކަމަށްވެސް އެސްޑީއެފްސީއިން ވިދާޅުވެއެވެ.

ކުރިއަށް އޮތް މަސްތަކުގައި މި ބަދަލުތައް އެކި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭއިރު، ފުރަތަމަ މަރުހަލާ މިއަދު ފެށޭނެއެވެ. އަދި މިކުންފުނީގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް މިބަދަލުތައް ގެނެސްނިންމާލުމެވެ. ކަސްޓަމަރުންނަށް މިކަމާ ގުޅޭ މަޢުލޫމާތު ބައިބަޔަށް ބަހާލައިގެން އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ދެމުންދާނެއެވެ. އަދި އޮމާންކަމާއެކު މި ބަދަލުތައް ގެނައުމުގެގޮތުން ކަސްޓަމަރުންނާ ސީދާ ގުޅައިގެންވެސް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ބަދަލުތަކާގުޅޭގޮތުން އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ، ލޯނަށް ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް ދިމާވެފައިވާ ދަދިތަކަށް ލުއި ލިބި، ޝަރީޢާ އުޞޫލުން އެކަންކަން ހަމަ މަގަށް އެޅުވުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

" އެސްޑީއެފްސީގެ ތާރީހުގައި ގެންނަ އެންމެ ފާހަގަކޮށްލެވޭ ބަދަލާއެކު އަޅުގަނޑުމެން މި ކުންފުނި ހިންގަމުންދާނީ ބޭންކް އޮފް މޯލްޑިވްސްގެ ޝަރީޢާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑަރީއެއްގެ ގޮތުގައި. މި ފިޔަވަޅާއެކު، ލޯނަށް ފައިސާ ދެއްކުމުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދިމާވެފައިވާ ދަދިތަކަށް ލުއި ލިބި، ޝަރީޢާ އުޞޫލުން އެކަންކަން ހަމަ މަގަށް އެޅުވުމަށް ފުރުސަތު ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ އައު އީޖާދުތަކާއެކު، ޓެކްނޮލޮޖީގެ ތެރެއިން، ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ފަސޭހައިން ވާސިލުވެވެނިވި ވަށައިޖެހޭހައްލުތަކެއް ހޯދައިދިނުން." ބަދުރުއްދީން ވިދާޅުވިއެވެ.

މި ބަދަލާއެކު، އެސްޑީއެފްސީ ވެގެންދާނީ، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ ބޭންކިންގ ހިދުމަތްތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އިސް ދައުރެއް އަދާކުރާ ކުންފުންޏަކަށެވެ. މިއާއެކު، ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީގައި ބޭންކް އޮފް މޯލްޑިވްސްއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި މަސައްކަތުގެ ތެރެއިން އިސްކަންދެވިގެންދާނީ އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ޑިޖިޓަލް އަދި ވިޔަފާރީގެ މަސައްކަތްތައް ބާރުވެރި ކުރުމަށެވެ.

Ads by Ooredoo